ބައިނަލްއަގްވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ދަރަޖައެއް ދަށަށް

މެއި 14، 2020: މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރު ބަލައި، ދިރާސާކުރާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އެކުލަވައިލި ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ މިދިޔަ އަހަރު އެއް ދަރަޖަ ދަށަށް ގޮސްފިއެވެ.

އެންމެ ފަހުން އެ ޖަމިއްޔާއިން ނެރުނު ސީޕީއައިގައި ރާއްޖެއަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. އެއީ 180 ގައުމުގެ ތެެރެއިން 93ވަނަ ރޭންކެވެ.

އެއް ދަރަޖަ ދަށްވެފައިމިވަނީ ފާއިތުވި ދެ އަހަރުކަމަށްވާ 2021ވަނަ އަހަރާއި 2022ވަނަ އަހަރު ރާއްޖެ 40 ޕޮއިންޓުގައި އޮތުމަށްފަހުގައެވެ.

ސީޕީއައިގައި 100އާ ހަމައަށް ޕޮއިންޓު ދޭއިރު ކޮރަޕްޝަން އޮންނަ މިންވަރު މަދުނަމަ ލިބޭ ޕޮއިންޓުގެ އަަދަދު އިތުރުވާނެއެވެ. އެގޮތުން ސީޕީއައިގައި އެންމެ ކޮރަޕްޝަން މަދު ގައުމުތަކުގެ އެއްވަނައިގައި 90 ޕޮއިންޓާއެކު އޮތީ ޑެންމާކެވެ. ދެވަނައިގައި އޮތީ 87 ޕޮއިންޓާއެކު ފިންލޭންޑެވެ. ތިންވަނައިގައި އޮތީ 85 ޕޮއިންޓާއެކު ނިއުޒިލޭންޑެވެ.

އެންމެ ކޮރަޕްޓު ގައުމުތަކުގެ ތެރޭގައި 11 ޕޮއިންޓާއެކު ލިސްޓުގެ 180ވަނައިގައި އޮތީ ސޯމާލިއާއެވެ. ދެވަނައިގައި އޮތީ ވެނެޒުއޭލާއެވެ.

މި މިންގަނޑު ކަނޑައަޅަނީ 13 މަސްދަރެއް ބޭނުންކޮށްގެންނެެވެ. އެއީ ވޯލްޑް ބޭންކާއި ވޯލްޑް އިކޮނޮމިކް ފޯރަމާއި، އެކި ތިންކް ޓޭންކުތައް މެދުވެރިވެގެންނެވެ. މިއިން އެއްވެސް ކަމެއްގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުގެ ބައިވެރިވުމެއް ނޯންނާނެއެވެ.

ރާއްޖޭގެ ރޭންކިން ދަރަޖައެއް ދަށްވިއިރު، ނިމިދިޔަ 2023ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮތް އަހަރެވެ. އިންތިޚާބާ ގުޅުވައި ކޮރަޕްޝަންގެ އަަމަލުތައް ހިންގަމުން އައިކަމުގެ ތުހުމަތު ވެސް ކުރެވިފައި އޮތެވެ.

comment ކޮމެންޓް