ފެބްރުއަރީ މަހު ''ނޮވެމްބަރު'' ސްޓްރީމް ކޮށްލެވޭނެ

"ޑާކްރެއިން"އިން ތައްޔާރުކޮށްފައިވާ ޑްރާމާ އަދި ރޮމޭންސް ފިލްމު "ނޮވެމްބަރު" ސްޓްރީމިން ސާވިސްއަށް ދޫކޮށްލުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން މި މަހުގެ ކުރީކޮޅުގެ ނިޔަލަށް އޮލިމްޕަހުގައި ދައްކާފައިވާ މި ފިލްމަަށް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެއް ލިބިފައެވެ. އެއާއެކު އިތުރު ބަޔަކަށް ބެލޭނެ ގޮތަށް ފިލްމު ރިލީޒްކުރުމަށް ސްޓްރީމިންއަށް ފިލްމު ދޫކޮށްލުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީޑިއާނެޓްގެ ސްޓްރީމިން ސާވިސް ކަމަށްވާ އެމްއެސް ވީޑިއޯ ކްލަބް މެދުވެރިކޮށް ފިލްމު ސްޓްރީމްކޮށްލެވޭނެ ކަމަށް ޑާކްރެއިންއިން ބުނެއެވެ. އަދި, އަންނަ މަހުގެ 14 އިން ފެށިގެން މި ފިލްމު ސްޓްރީމް ކުރެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މި ފިލްމަކީ މަރިޔަމް މަޖުދާއާއި މުހައްމަދު ޖުމައްޔިލު ނިމާލް ލީޑުން ފެނިގެންދާ ފިލްމެކެވެ.

ސިންގަޕޫރުގައި ކުޅެފައިވާ ފިލްމު "ނޮވެމްބަރު" އަކީ ޑާކްރެއިން އެންޓަޓެއިންމެންޓުން މިދިޔަ އަހަރު އެންމެ ފޯރިއާއެކު ނެރުނު ފިލްމެވެ. މި ފިލްމު ތައްޔާރު ކުރުމަށްޓަކައި 1.6 މިލިއަަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މަޖުދާއާއި ޖުމައްޔިލްގެ އިތުރުން ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ އާއިޝަތު ޔާދާ އާއި އައިޝަތު ޢަލީ އާއި އިސްމާއީލް ވަޖީޙްއެވެ.

ކޮވިޑަށް ފަހު 2021 ވަނަ އަހަރު ފުރަތަމަ ދެއްކުމަށް ތާވަލުކުރި މި ފިލްމު ވަނީ އެކި ސަބަބުތަކާ ގުޅިގެން ޑިލޭ ވެފައެވެ. މިއީ މި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ ކޮންޓްރޮވާޝަލް އެއް ފިލްމުވެސް މެއެވެ. އެއީ ފިލްމުގެ ލީޑު ޖުމައްޔިލްގެ މައްސަލައެއް ކޯޓުގައި ބަލަމުން ދާއިރު ފިލްމު ޕްރިމިއާ ކުރުމުންނެވެ.

comment ކޮމެންޓް