ސިނަމާލެ ބުރިޖުގެ މަރާމާތުގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން އިތުރު ތިން އަަހަރަށް ކޮށްދިނުމަށް ނިންމާފައިވާ ކަމަށް، އިންފްރާންސްޓަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން، އޭރުގެ ޕީޕީއެމް ސަރުކާރުން ޗަައިނާއާ އެކު ސޮއިކޮށްފައިވާ ބުރިޖުގެ ކޮންޓްރެކްޓުގެ ތެރެއިން، ހިލޭ މަރާމާތުގެ މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުން ނިމުނީ 2020 ވަނަ އަހަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކޮންޓްރެކްޓް ހަމަވުމަށްފަހު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބުރިޖުގެ ކުނިކަހާއި ސާފުކުރުން ފިޔަވައި، މަރާމާތުގެ މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބުރިޖުގެ މެއިންޓެނެނެސް އަކީ ވަރަށް ބޮޑަށް ކުރަންޖެހޭނެ ކަމެއް ކަމަށާއި، އެކަން ނުކުރުމުގެ ސަބަބުން ބުރިޖަށް އަރާއިރު ފެންނަން ހުންނަ ގިޑިގޭގައި ދަބަރު ޖަހައި، ބައެއް އަކުރުތައް ވެއްޓިފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެެވެ.
ހަމައެއާ އެކު، ބުރިޖުގެ އެކްޕޭންޝަން ޖޮއިންޓުތައް ވެސް ގަވާއިދުން ސާފުކުރަންޖެހޭނެ ކަމަށާއި އެކަން ވެސް އޮތީ ކުރީ ސަރުކާރުން ނުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި، ބުރިޖުގެ މަރާމާތުގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން، އިތުރު ތިން އަހަރަށް ކުރުމަށް ކޮންޓްރެކްޓަރެއް ހޯދައި، ކޮންޓްރެކްޓް ވެސް ތައްޔާރުކޮފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެއެވެ.
މުއްތަލިބު ވިދާޅުވީ ވަރަށް އަވަހަށް ކަމާބެހޭ އިދާރަތަކުން ހުއްދަ ނަގައިގެން އެ ކޮންޓްރެކްޓުގައި ސޮއިކޮށް، ބުރިޖުގެ މެއިންޓެނެންސް މަސައްކަތް، ޗައިނާއިން އިތުރު ތިން އަހަރަށް ހިލޭ ކޮށްދެއްވާނެ ކަމަށެވެ.
"މި ހަފުތާގައި ވެސް ހުއްދަތައް ލިބިއްޖެއްޔާ އަޅުގަނޑުމެން ސޮއިކުރާނަން. ސޮއިކުރުމަށް ފަހު ބުރިޖުގެ މަރާމާތުގެ މަސައްކަތް ފަށާނަން،" މުއްތަލިބު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖުގެ މަޝްރޫއަކީ 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ބްރިޖު މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވީ 20 18ވަނަ އަހަރުގެ އޯގަސްޓު 30 ގައެވެ.