ރަކިޓިޗް، އަލް ޝަބާބްއާ ގުޅެނީ

ސެވިއްޔާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް -- ފޮޓޯ/ ގެޓީ

ސެވިއްޔާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް، ސައުދީ އަރަބިއާގެ އަލް ޝަބާބާ ގުޅުމަށް ނިންމައިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިތުބާރު ހުރި ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން ބާސެލޯނާގައި ވިދާލި ރަކިޓިޗް، މި މަހުގެ ތެރޭގައި ކްލަބު ދޫކޮށްލާނެކަން އޭނާ މިހާރު ސެވިއްޔާއަށް ވެސް ވަނީ އަންގައިފައެވެ.

އުމުރުން 35 އަހަރުގެ ރަކިޓިޗް އަލް ޝަބާބާ ގުޅުމަށް ތައްޔާރުވަމުންދާ އިރު، ސައުދީގެ ޕްރޯ ލީގުގައި އޭނާ ދަންނަ މޫނުތަކެއް މިހާރު ވެސް އެބަތިއްބެވެ.

އެގޮތުން ބާސާއަށް އެކުގައި ކުޅުނު ނޭމާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑަށް ކުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ވެސް ކުޅެނީ ސައުދީ ލީގުގައެވެ.

ރަކިޓިޗްއަށް ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، މީގެ ކުރިން އޭނާ ބުނެފައިވާ ގޮތުގައި ވިސްނަނީ ސެވިއްޔާގައި މަޑުކުރުމަށެވެ. އަދި ސެވިއްޔާއަށްވުރެ ވަކި ރަނގަޅު ކްލަބެއް މިވަގުތު ނެތް ކަމަށް ވެސް އޭރު އޭނާ ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބާސާގައި ރަކިޓިޗްއާއެކު ކުޅުނު ތަރިންތަކެއް ކުޅޭ އެމެރިކާގެ އިންޓަ މަޔާމީން ވެސް އޭނާ ގެންދިއުމަށް މަސައްކަތްތަކެއް ކުރިއެވެ.

އެ ކްލަބަކީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ، ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓް، ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ އަދި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ކުޅޭ ކްލަބެވެ.

comment ކޮމެންޓް