ޒަވީ، ބާސާ ދޫކޮށްލަން ނިންމައިފި

ބާސާގެ ކޯޗު ޒަވީ -- ފޮޓޯ/ ގެޓީ

މި ސީޒަނަށްފަހު ބާސެލޯނާގެ ކޯޗުކަމުން ދުރަށް ދިއުމަށް ނިންމާފައިވާކަން ޒަވީ އިއުލާންކޮށްފިއެވެ.

ބާސާއާ ދުރަށް ދިއުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަވީ އިއުލާންކޮށްފައި މިވަނީ، ސްޕެނިޝް ލަލީގާގައި ވިޔަރެއާލް އަތުން 5-3ގެ ނަތީޖާއަކުން ބާސާ ބަލިވެފައިވަނިކޮށެވެ. އެއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ބާސާއާ ދެމެދު ދިހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"އަހަރެން ޖޫން މަހު ކްލަބު ދޫކޮށްލާނަން. އަހަރެމެންނަށް މިހާރު އެނބުރި ނާދެވޭ ހިސާބަށް ގޮސްފި. އެހެންކަމުން ދެން އޮތީ ބަދަލެއް ގެނައުން. އަހަރެން ގަބޫލުކުރަނީ އަހަރެން ކްލަބު ދޫކޮށް ދާން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށް. އަހަރެން ވާނީ ބޯޑާއި ކްލަބާ ވެސް ވާހަކަދައްކާފައި. އަހަރެން ޖޫން 30ގައި ކްލަބު ދޫކޮށްލާނަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ ބާސާގެ ކޯޗުކަމުން ދުރަށް ދިއުމަށް މީގެ ދުވަސްކޮޅެއް ކުރިން ނިންމާފައިވާ ކަމަށާއި މިއީ އެކަން އިއުލާންކުރަންވީ ވަގުތު ކަމަށެވެ. އަދި ކްލަބާއެކު އެއްވެސް މައްސަލައެއް ޖެހެން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ވިސްނުމަށް އަންނަނީ ކްލަބަށް އެންމެ ފައިދާވާނެ ގޮތަކީ އަހަރެން ކްލަބު ދޫކޮށް ދިއުމުން ކަަމަށް، އެއީ އެންމެ ރަނގަޅު ހައްލު. ކްލަބުން އަހަރެންނަށް އިތުބާރު ވެސް ކުރެވޭ. ނަމަވެސް މިއީ ބަދަލެއް ގެންނަންވީ ވަގުތު،" އޭނާ ބުންޏެވެ.

ޒަވީ އާއި ބާސާގެ ކުޅުންތެރިންނާ މެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ދާދިފަހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުޅުންތެރިން އޭނާ ކްލަބު ދޫކޮށްލަން އެދިއްޖެ ނަމަ، އިސްތިއުފާދޭން ތައްޔާރަށް ހުރި ކަމަށް ވެސް މީގެ ކުރިން ޒަވީ ބުނެފައިވެއެވެ.

ބާސާއާ 2021 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ޒަވީ ވަނީ އެ ކްލަބަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދީފައެވެ. ޒަވީ އަދި ބާސާއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖަކީ އެ ކްލަބަށް ކުރިމަތިވެފައިވާ ފައިސާގެ މައްސަލަތަކެވެ.

comment ކޮމެންޓް