އެއް މަސްދުވަހުގެ ތެރޭގައި 35 މިލިއަން ރުފިޔާ، ކުންފުންޏަކަށް ދައްކަން ފެނަކައަށް ހުކުމްކޮށްފިއެވެ.
ފެނަކައިގެ މައްޗަށް އިއްޔެ ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ.
ޕަވާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުން ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވާގޮތުން، އެކި ގޮތްގޮތަށް ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ 38 މިލިއަން ރުފިޔާވަނީ ނުދައްކައެވެ.
މިއީ އެ ކުންފުނިން ސަޕްލައި ކޮށްދީފައިވާ ޖަނަރޭޓަރުތަކަށާއި ކޭބަލްތަކަށާއި، އެ ކުންފުނީގެ ފިހާރައަކުން ނަގައިފައިވާ މުދަލަށް ފެނަކައިން އެ ފައިސާ ނުދެެއްކުމުގެ ސަބަބުން ގާނޫނީ ގޮތުން ދައްކަން ޖެހުނު ފީއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ޕަވާ އިންޖިނިއަރިން ކުންފުނިން، ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާ ބަލައިގަނެ، އެ ފައިސާއަކީ ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ކަމުގައި ނިންމައިފައެވެ.
ސިވިލް ކޯޓުން ވަނީ ފެނަކައަށް އެއް މަސްތެރޭ އެ ކުންފުންޏަށް އެ ފައިސާ އެއްްކޮށް ދައްކައި ނިންމުމަށް އަމުރު ކޮށްފައެވެ.
ބޮޑު ދަރަންޏެއް އޮތް ފެނަކައިން މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ބުނީ އަދިވެސް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ.
އެހެން ނަމަވެސް އޭރު އެ ކުންފުނިން ބުނީ ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރެވޭނެ ކަމަށެވެ.
އެކުންފުނިން މީގެ ކުރިން ބުނީ އެންމެ ބޮޑަށް އެ ކުންފުނިން ދަރައިފައިވާނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ކަމަށެވެ.
މި ސަރުކާރުގައި އަލަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވި މުއާޒު ވިދާޅުވީ އެ ކުންފުންޏާ އާ މެނޭޖްމެންޓުން ހަވާލުވިއިރު ހުރިހާ ދާއިރާއަކުން ވެސް އޮތީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދައިފައިކަމަށެވެ.