ސަރުކާރު ކޯލިޝަނުން މަޖިލީހަށް ވާދަކުރައްވަނީ ދެ އަންހެން ކެންޑިޑޭޓުން

ޕީއެންސީގެ އެއްވުމެއްގެ ތެރެއިން: -- ފޮޓޯ/ ނިއުސްލެބު

ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވަނީ އެންމެ ދެ އަންހެން ކެންޑިޑޭޓުން ކަން އިއްޔެ ޕްރައިމަރީން ޔަގީންވެއްޖެއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރައްވައިގެން ޓިކެޓު ކާމިޔާބުކުރެއްވީ މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދެވެ. ޕްރައިމަރީއާ ނުލައި ޓިކެޓު ލިބުނީ ނިލަންދޫ ދާއިރާއަށް ފާތިމަތު ސައުދާއަށެވެ.

ޕީޕީއެމް-ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި، އަސްމާއަށް އިއްޔެ ޓިކެޓު ލިބިވަޑައިގަތެވެ. އޭނާއަކީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި މާފަންނު މެދު ދާއިރާ ތަމްސިލްކުރެއްވި މެމްބަރެވެ.

ސައުދާއަށް ނިލަންދޫ ދާއިރާއަށް ވާދަކުރުމަށް ޓިކެޓު ކަށަވަރުވީ، އެ ދާއިރާއަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއެވެ. ސައުދާ އަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކޮއްކޮއެވެ.

އިއްޔެ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ގައި 73 ދާއިރާއަކަށް، 283 ކެންޑިޑޭޓުން ވާދަކުރައްވިއިރު، 32 އަންހެން ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

އޭގެ ތެރޭގައި ރައީސް ޔާމިންގެ ސަރުކާރުގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫނާއި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް އަދި ޤާނޫނީ ވަކީލު ނޫރުބާން ފަހުމީ ވެސް ހިމެނުނެވެ.

ނަމަވެސް، ޕްރިއަމެރީގައި ހަމައެކަނި ކާމިޔާބު ހޯއްދެވުނީ އަސްމާ ނުވަތަ އާއްމުންގެ ތެރޭގައި މަގުބޫލު ނަމުންނަމަ، އަސްމާއްތައަށެވެ.

މަޖިލިސް އިންތިޚާބުގައި ގިނަ ގޮނޑިތައް އަންހެނުންނަށް ހޯދައިދިނުމަށް ވަކާލާތުކުރައްވައި، އިންތިޚާބުވެއްޖެނަމަ ޕާޓިގެ ފަރާތުން ހާއްސަ އެލަވަންސެއްވެއް ދެއްވާނެކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް، ރައީސް މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާ:ޅުވެފައެވެ.

ހަމައެއާއެކު، މި ސަރުކާރުގެ ހަފުތާ14ގެ މަގުޗާޓާ އެއްގޮތަށް، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުމުގެ ޝައުގުވެރިކަން ހުރި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް ވެސް، މި މަހު ބޭއްވިއެވެ.

ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 19ވަނަ ދައުރުގައި ޕީޕީއެމް-ޕީއެންސީގެ އަންހެން މެމްބަރެއް ނެތެވެ. މިވަގުތު މަޖިލީހުގައި ތިއްބެވީ އިދިކޮޅު އެމްޑީޕީގެ ތިން އަންހެން މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ އެއް އަންހެން މެމްބަރެކެވެ.

comment ކޮމެންޓް