ބޮލީވުޑްގެ ކާމިޔާބު ފިލްމީތަރިންގެ ތެރޭ ހިމެނޭ އެކްޓަރު ރަންވީރު ސިންގްގެ ވިސްނުން ހުރީ މިހާރު ހުރީ ދެކުނު އިންޑިއާގެ ފިލްމުތަކުން ފުރުސަތު ހޯދުމަށް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައި ވަނީ ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވިޔަފާރިއަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ރަންވީރު ބޭނުން ވަނީ ސައުތު ސިނަމާގެ ޕްރޮޑިސަރުންނާ އެކު މަސައްކަތް ކުރުމަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ޖަވާން" އަދި "އެނިމަލް" ފަދަ ފިލްމުތަކަށް ލިބުނު ކާމިޔާބީއާ އެކު އިންޑިއާގެ އެކި ސިނަމާތައް ގުޅިގެން މަސައްކަތްކޮށް ރަނގަޅު ނަތީޖާ ނެރެވިދާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ސައުތު ސިނަމާގެ ފިލްމުތަކަށް ރަންވީރުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެކްޓަރު އެންމެ މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރުންގެ ތެރޭ "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީ ހިމެނެއެވެ.
ތަމަޅަ އެކްޓަރު އައްލޫ އަރުޖުންއާ އެކު މަސައްކަތް ކުރަން ބޭނުންވާކަން ރަންވީރު ހާމަކޮށްފައިވާއިރު ވަރަށް އަވަހަށް މި ތަރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަން ވަނީ ރޭވިފައެވެ.

ރަންވީރު ސިންގް އަންހެނުން އަދި ފިލްމީ ތަރި ދިޕިކާ ޕަދުކޯންއާ އެކު-- ފޮޓޯ/އިންޓަނެޓް
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމަކުން ފުރުސަތު ލިބުނު އެކްޓަރު މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ވިޔަފާރީގެ ގޮތުން ފައިދާ ކުރުވަނިވި ފިލްމުތަކުގައި މަސައްކަތް ކުރުމަށް ކަމަށް ޕިންކްވިލާއިން ވަނީ ބުނެފައެވެ. އެހެންވެ، ސައުތު ސިނަމާއިން ލިބޭ ފުރުސަތު ތަކުގައި ވެސް ރަންވީރު އިސްކަންދޭނީ މިފަދަ ކޮންޓެންޓްތައް ހުންނަ ސްކްރިޕްޓް ތަކަށެވެ.
ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން3"ގެ މަސައްކަތް ފަށާފައިވާ އެކްޓަރު ސައުތު ސިނަމާގެ ފިލްމުތަކުގައި މަސައްކަތް ކުރަން ނިންމި ނަމަވެސް ބޮލީވުޑް ދޫކޮށް ނުލާނެކަމަށް ވަނީ ބުނެފައެވެ.