މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން

މަޓާޓޯގެ އާ ސީއީއޯ އާމިނަތު ސޫޒަން -- ފޮޓޯ: މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯއަކަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސޫޒަންއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ. އޭނާއަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑް މެންބަރެކެވެ.

ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ވެސް ހަތް އަހަރު މަސައްކަތް ކުރައްވާފައެވެ.

މަޓާޓޯގެ ސީއީއޯ ކަމަށް ސޫޒަން އައްޔަންކުރުމުން، އެ އެސޯސިއޭޝަނުންވަނީ އެއީ މަޓާޓޯއިން މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ޖީޑީޕީގެ ފަސް ޕަސެންޓް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު މި ދާއިރާގައި ހަރަކާތްތެރިވަނީ ދިވެހި އަންހެނުންގެ އެންމެ ފަސް ޕަސެންޓް ކަމަށް މަޓާޓޯއިން ފާހަގަކުރިއެވެ.

އެއީ، މިފަދަ މުހިންމު ދާއިރާތަކުގައި އަންހެނުން ބާރުވެރިކޮށް މިންތީގެ ހަމަހަމަކަން ގާއިމުކުރުން އަވަސްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ. އެހެންވެ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ، އެންމެން ޝާމިލުވާ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން މަޓާޓޯއިން ބަލައިގަންނަ ކަމަށް ބަޔާނުގައިވެއެވެ.

comment ކޮމެންޓް