ރާއްޖޭގެ ކަނޑުން ގަވައިދާ ޚިލާފަށް މަސްވެރިކަންކުރަން އުޅުނުކަމަށް ބެލެވޭ ބޭރުގެ ދެ ބޯޓެއް ހިފަހައްޓައިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހިފަހައްޓައިފައިވާ ދެ ބޯޓުން ރާއްޖޭގެ ހާއްސަ އިހްތިޞާސީ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބެލެވޭ ކަމަށެވެ.
މިކަމާ ގުޅުން ހުރި އެހެން މައުލޫމާތެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ނިމުނު 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ކަނޑުން ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރި ލަންކާގެ ފަސް ބޯޓެއް ހިފެހެއްޓިއެވެ.
އެގޮތުން އޭގެން ކޮންމެ ބޯޓެއް ވަނީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓައިފައިވެއެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާއެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެއެވެ.