ލޯނު އެންބަސްވުމެއްގެ ދަށުން ފިލިޕްސް ވެސްޓް ހާމަށް

ފިލިޕްސް ވެސްޓް ހޭމްގެ ޖާޒީގައި -- ފޮޓޯ/ ދި ވެސްޓް ހޭމް ވޭ

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކެލްވިން ފިލިޕްސް ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ހާމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ފިލިޕްސް ވެސްޓް ހާމަށް ސޮއިކޮށްފައިވަނީ މި ފަހަރުގެ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ވެސްޓް ހާމުން ބޭނުންނަމަ މި އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފިލިޕްސް، 2022 ވަނަ އަހަރުގެ ޖުލައި މަހު ލީޑްސް ޔުނައިޓެޑުން ސިޓީއާ ގުޅިފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ފުރަތަމަ ސީޒަންގެ ބޮޑު ބައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުދައި ހޭދަކުރަން ޖެހުނުއިރު ކުޅުމަށް އެނބުރި އައިސް ސިޓީގެ ފުރަތަމަ އެގާރައިން ޖާގަހޯދުން ވެފައިވަނީ ފިލިޕްސްއަށް ވަރަށް އުނދަގޫ ކަމަށެވެ. މިގޮތުން ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ފުރަތަމަ އެގާރައިގައި ދެ ފަހަރު ހިމެނުނުއިރު މުޅިއަކު ކުޅުމުގެ ފުރުސަތު ލިބިފައިވަނީ 16 މެޗުގައެވެ.

ފިލިޕްސް ހޯދުމަށް އެހެން ބައެއް ކްލަބްތަކުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. މީގެ ތެރޭގައި ނިއުކާސްލް ޔުނައިޓެޑް، ކްރިސްޓަލް ޕެލަސް އަދި ޔުވެންޓަސް ހިމެނެއެވެ. ފިލިޕްސް ދިއުމުން އަނިޔާގެ ގިނަ މައްސަލަ ތަކަކާއި ކުރިމަތިވެފައިވާ ވެސްޓް ހެމް އިތުރަށް ވަރުގަދަ ކުރުމަށް އެ ޓީމުގެ ކޯޗު ޑޭވިޑް މޮޔޭސް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ވެސްޓް ހާމްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ލީކަސް ޕަކުއެޓާއާއި މިކައިލް އެންޓޯނިއޯ ގިނަ ދުވަސް ތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު އެޑްސަން އަލްވަރޭޒަށް އަނިޔާގެ ސަބަބުން އެންމެ ފަހުން އެފްއޭ ކަޕްގައި ކުޅުނު މެޗުގައި ނުކުޅެވުނެވެ. ވެސްޓް ހާމް މިހާރު އޮތީ ޕްރިމިއާ ލީގުގެ ތާވަލުގެ ހަވަނައިގައެވެ.

comment ކޮމެންޓް