އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ރައީސް ވަނީ އިންޑިއާއަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮއެދުންތައް މިއަދު ފޮނުއްވައިފިއެވެ.

އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި، އެ މަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައިވުމަށް އެދިވަޑައިގެންފައެވެ.

އިންޑިއަގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ރައީސް ފިނުއްވާފައި ވާއިރު، އިންޑިއާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. އަދި، މި ސަރުކާރުން އިއްޑިއާ އެއްފަރާތްކޮށް ޗައިނާއާ މާ ގާތް ގުޅުމެއް ބަދަހިކުރަން މަސައްކަތް ކުރާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން، މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ވައުދާ އެއްގޮތަށް ރައީސް މުއިއްޒު ވަނީ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ވެސް ދެ ގައުމުގެ ސަރުކާރުން ވަނީ ފަށައިފައެވެ.

comment ކޮމެންޓް