ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާއިން

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ: މިދިޔަ ޑިސެންބަރުގައި ދައުލަތަށް ލިބުނު އާމްދަނީ 9 ޕަސެންޓް ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މިދިޔަ މަހު، 782 މިލިއަން ރުފިޔާގެ މުދަލާއެކު، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމަކީ ޗައިނާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

ކަސްޓަސްމްސްއިން މިއަދު އާންމުކުރި ތާފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު އެއީ އޭގެ ކުރީ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ދަށްވުމެކެވެ.

އޭގެ ތެރެއިން، އިމްޕޯޓް އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ޗައިނާ އޮތް އިރު، އޮމާންއިން ވެސް 768 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ.

އެ ލިސްޓުގައި ދެން ހިމެނޭ ގައުމުތައް ކަމަށްވާ، ސިންގަޕޫރުން 731 މިލިއަން ރުފިޔާގެ މުދާ، އިންޑިއާއިން 683 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 591 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ރާއްޖޭން މިދިޔަ މަހު 250 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު 2022 ވަނަ އަހަރުގެ ޑިސެންބަރުގައި 292 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. އެހެންވެ، މިދިޔަ މަހު އައީ 14 ޕަސެންޓު ދަށްވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން އެގައުމަށް 66 ޕަސެންޓު މުދާ އެކްސްޕޯޓުކޮށްފައިވާއިރު އިނގިރޭސި ވިލާތަށް އެކްސްޕޯޓުކޮށްފައިވަނީ ނުވަ ޕަސެންޓު މުދަލެވެ.

އަދި ޖަރުމަނު ވިލާތަށް ހަތް ޕަސެންޓު މުދާ އެކްސްޕޯޓުކޮށްފައިވާއިރު ސްވިޒަލޭންޑާއި ފަރަންސޭސި ވިލާތަށް އެކްސްޕޯޓުކޮށްފައިވަނީ ތިން ޕަސެންޓު މުދަލެވެ.

މިދިޔަ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ ޖުމްލަ 250 މިލިއަން ރުފިޔާގެ މުދަލެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ނުވަ ޕަސެންޓް ދަށްވެފައެވެ.

މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނީ 332 މިލިއަން ރުފިޔާއެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ޑިސެންބަރުގައި 365 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރޯޔަލްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 18.4 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް