ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނެރެން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން މިއަދު ދޫކޮށްލައިފިއެވެ.
ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ނެރެން އުޅުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކުރީ އިއްޔެއެވެ.
ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު އެތެރެކުރަން އުޅުމުގެ ތުހުމަތުވާ މައްސަލަ ކަސްޓަމްސްއިން ހުށަހަޅައިގެން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލައިގައި ރޭ ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ:
- މ. ސިލްވާނެސްޓް އަހުމަދު އަފްސަލް
- ދަފުތަރު ނަންބަރު ރސ. 14358 ޔޫސުފް ނަޛީރު
އެކަމަކު، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފައެވެ. އަދި، ވޭޕް ވެސް މި ސަރުކާރުން ވަނީ މަނާކޮށްފައެވެ.
އެކަމަކު، ސިނގިރޭޓުގެ އަގު ބޮޑުވުމާ އެކު 'ވަގަށް' އެތެރެކޮށްގެން ސިނގިރޭޓު ވިއްކާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.