ދިވެހި ފަންނާނުންނަށް ގެއްލުން ލިބޭ ކަމެއް ސަރުކާރުން ނުކުރާނެ: ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް -- ފޮޓޯ/ މަޖިލިސް

ދިވެހި ފަންނާނުންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބިދޭސީ މިއުޒިޝަނުންނަށް ވޯކް ވިސާ ހަމަޖައްސައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ)ން ސަރުކާރަށް ހުށަހަޅައިފައިވާތީ، ދިވެހި މިއުޒީޝަނުން އެކަމާ ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައެވެ.

ފައިސަލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަޓީގެ ހުށަހެޅުމަށް ރައްދުދީ، ރާއްޖޭގެ މިއުޒީޝަންސް އެސޯސިއޭޝަނުން ބުނީ ރިސޯޓުތަކުގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބޭނަމަ، ދިވެހި ފަންނުވެރިން ތިބޭނީ އަބަދު ވެސް ތައްޔާރަށް ކަމަށެވެ.

މިކަމާ ގުޅިގެން، ބައެއް ދިވެހި މިއުޒީޝަނުންގެ އަމިއްލަ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

https://sun.mv/187815

އެގޮތުން، ޑީޓިއުން ބޭންޑުގެ ވޯކަލިސްޓު ފެޒޫ ވަނީ ދިވެހި ފަންނުވެރިން މިހާ ދަށު ދަރަޖައަކަށް ވައްޓައި ނުލުމަށާއި ދަރިންނާއި ދަރިންގެ ދަރިންނަށް ޓޫރިޒަމް އިންޑަސްޓްރީން މަންފާކުރުން މުހިއްމުކަމަށް ގޮވައިލައިފައެވެ.

ކުރީގެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް އެކްސްގައި ވަނީ މި ހުށަހެޅުމާއި ގުޅޭގޮތުން ނުރުހުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް