ކަނޑިންމަ ރިސޯޓު ފުއްޓަރުން 9 ފޫޓު ބޮޑު ކިނބުލެއް ހިފައިފި

ކަނޑިންމަ ރިސޯޓުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

ދ. އަތޮޅު ކަނޑިންމަ ރިސޯޓު ފުއްޓަރު ކައިރިން ނުވަ ފޫޓު ބޮޑު ކިނބުލެއް ހިފާފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި ކިނބޫ މިހާރު ވަނީ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ބެލުމުގެ ދަށުގައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖޭގެ އެކި ރަށް ރަށުން އަދި މޫދުން ވެސް ކިނބޫ ފެނިފައިވެއެވެ.

ރާއްޖޭގެ މާހައުލަކީ ކިނބުލަށް ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް އޮތް ގައުމެއް ނޫނެވެ.

އެހެންނަމަވެސް ބައެއް ދުވަސްވަރު ކިނބޫ ރާއްޖެއިން ފެންނަނީ، އިރުވައި މޫސުމާ ގުޅިގެން ވައިޖެހޭ މިސްރާބު ބަދަލުވެ ކިނބުލަށް އޭގެ ދަތުރުތައް ކުރުމުގައި ނޭނގުމުގެ ތެރެއިންނެވެ.

comment ކޮމެންޓް