ފުރޭތަ، ޖޫން މަހު ދައްކަނީ؟

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ފުރޭތަ" ދައްކަން ފަށާނެ ދުވަހަކަށް އިޝާރާތްތަކެއް ކޮށްފިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވާލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މިއީ ޑާކްރެއިންއިން މި އަހަރު ނެރޭ ފުރަތަމަ ފިލްމެވެ. ޑާކްރެއިންއިން ދާދި ފަހުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނާ ގޮތުން މި ފިލްމު "ވަރަށް އަވަހަށް" ނެރޭނެއެވެ. ނަމަވެސް ސީދާ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ފިލްމު ނެރޭނެ ތާރީހަށް އިޝާރާތްކޮށް ޕޯސްޓުގައި ހޭޝްޓެގެއް ހާމަކޮށްފައިވެއެވެ.

ހޭޝްޓެގުން އިޝާރާތް ކުރާ ގޮތުގައި ފުރޭތަ ދައްކަން ފަށާނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް މިކަމެއް ޑާކްރެއިންއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޖޫން މަހުގައި ފުރޭތަ ނެރުމަށް ތައްޔާރުވާއިރު އޭގެ ކުރީން އިތުރު ދެ ފިލްމެއް އޮލިމްޕަހުގައި އަޅުވާނެއެވެ. އެއީ އިލްޔާސް ވަހީދު (އިއްލެ)ގެ "ކަންބަޅި" އާއި މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ "ލަސްވިޔަސް" އެވެ.

ފުރޭތަ ނެރުމަށް ތައްޔާރުވާއިރު މިދިޔަ އަހަރު ނިމިގެން ދިޔައީ ޑާކްރެއިންއަށް ވަރަށް ބިޒީ ކޮށެވެ. އެގޮތުން ލޯބީގެ ފިލްމު "ނޮވެމްބަރު" ދައްކައި ނިންމާލާފައިވަނީ ހަމަ މި މަހު ކުރީކޮޅެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް