ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް، ހަފުތާ ބަންދުގައި ވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދޭން ނިންމައިފިއެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ދޭނީ އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 14އާ ހަމައަށެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މުއްދަތުގެ ތެރޭގައި ހަފުތާ ބަންދު ދުވަސްތަކުގައި ވެސް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް އެ ޑިޕާޓްމަންޓުގެ ރިސެޕްޝަނުގައި ތިރީގައި ހަމަޖައްސާނެ ކަމަށެވެ. އެއީ:
- ފެބްރުއަރީ ދެވަނަ ދުވަހު: 16:00އިން 19:00އަށް
- ފެބްރުއަރީ ތިން ވަނަ ދުވަހު: 11:00 އިން 15:00 އަށް
- ފެބުރުވަރީ ނުވަ ވަނަ ދުވަހު: 16:00އިން 19:00އަށް
- ފެބުރުވަރީ 10 ވަނަ ދުވަހު: 11:00އިން 15:00އަށް
އެ ޑިޕާޓްމެންޓުންވަނީ، ރެކޯޑު ސާފުކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި އެ މުއްދަތު ލިބޭ ގޮތަށް އެ ޑިޕާޓްމަންޓަށް ރެކޯޑު ސާފުކުރުމަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.
ޑީޖޭއޭއިން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމު އެ ޑިޕާޓްމެންޓުގެ ރިސެޕްޝަނުންނާއި އެ ޑިޕާޓްމަންޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ރެކޯޑު ސާފުކުރުމަށް އެ ޑިޕާޓްމަންޓުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް ([email protected]) ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.
އިންތިޚާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ނިންމާފައިވާކަން މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ އިއުލާންކޮށްފައެވެ.
އޭގެ ޖެހިގެން އައި ދުވަހު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ، އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާ މީހުންނަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ކަންތައްތައް ފަސޭކޮށްދީފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ ފަސް މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށާއި، ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.