ޔަމަނުގައި އދ.އަށް މަސައްކަތްކުރާ އެމެރިކާއާއި އިނގިރޭސިވިލާތުގެ ހުރިހާ މުވައްޒަފުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ޔަމަނުން ފޭބުމަށް އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތް ޙޫޘީން އަންގައިފިއެވެ.
ޙޫޘީން އެގޮތަށް ސިޓީއަކުން އަންގަފައިވާ ކަމަށް ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ޞަންޢާގެ އިދާރާތަކުން ވަނީ މީޑިއާތަކަށް އަންގައިފައެވެ.
ޙޫޘީން އެގޮތަށް އަންގައިފައި ވަނީ ރަތް ކަނޑުން އިސްރާއީލަށް ދަތުރުކުރާ އާގުބޯޓުތަކަށް ޙޫޘީންދޭ ހަމަލާތައް ހުއްޓުވުމަށް ކަމަށްބުނެ، ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. ހަމަލާތަކުގެ ރައްދުގައި ޙޫޘީން ވަނީ އިތުރު ބޯޓުތަކަށް ހަމަލާދީފައެވެ.
އެކަމާ ގުޅިގެން ޙޫޘީންނަކީ ނިރުބަވެރި ޖަމާއަތެއް ކަމުގައިވެސް އެމެރިކާއިން ވަނީ ކަނޑައަޅައިފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލު ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރަތް ކަނޑުން އިސްރާއީލަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް އަމާޒުކޮށް ޙޫޘީން އަންނަނީ ހަމަލާތައް ދެމުންނެވެ. ޙޫޘީން އެގޮތަށް އަމަލުކުރަނީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުންނެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދިއުމަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުންވެސް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.
ޙޫޘީންގެ ބާރުގެ ދަށުގައި އޮންނަނީ ޔަމަނުގެ ކުޑަ ސަރަހައްދެއް ނަމަވެސް އެގައުމުގެ ގިނަ ބައެއްގެ މައްޗަށް ޙޫޘީން ބާރުފޯރުވައެވެ. ޔަމަނު ސަރުކާރާ ދެކޮޅަށް ޙޫޘީން ވަނީ 10 އަހަރު ވަންދެން ދާހިލީ ހަނގުރާމަ ކޮށްފައެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން އަރަބި ކަނޑުގައި އޮތް އެންމެ ފަގީރު ގައުމަށް ޔަމަނު ވެފައިވާ ކަމަށް އދއިން ބުނެއެވެ.