'ކަންބަޅި'ގެ ޓިކެޓު އޮންލައިންކޮށް

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.

އައިފިލްމްސްއިން މިދިޔަ އަހަރުގެ ފަހުކޮޅުގައި އިއުލާނުކޮށްފައިވާ ފިލްމުގެ މަސައްކަތް ވަަރަށް ހަލުވިކަމާ އެކު ކުރިއަށް ގެންގޮސް މިހާރު ދައްކަން ފެށުމަށް ވަނީ ގާތްވެފައެވެ.

އެގޮތުން އަންނަ ހަފުތާ ބުރާސްފަތި ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ޓިކެޓު ދޫކުރަން ފަށައި އާންމުންނަށް ފަސޭހައިން ޓިކެޓް ލިބޭނެ ގޮތްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޓިކެޓް އޮންލައިންކޮށް ނެގުމުގެ ނިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ.

އެގޮތުން އައިފިލްމްސްއިން ހާމަކުރާ ގޮތުގައި 7242555 އަށް ގުޅާލައިގެން ނުވަތަ ވައިބާ އަދި ވަޓްސްއެޕް ބޭނުންކޮށްގެން ޓިކެޓް ބުކް ކޮށްލެވޭނެއެވެ. އެއަށް ފަހު ޓިކެޓް ނަގަން އޮލިމްހަށް ދާކަށް ނުޖެހޭނެއެވެ.

ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.

ފިލްމުގެ ޓްރެއިލާތަކާއި ބައެއް ޓީޒާތައް އާންމުކޮށްފައިވާއިރު މި ފިލްމު ވެގެންދާނީ ބިރުވެރި ފިލްމަކަށެވެ. ޓްރެއިލާތަކުން ވަނީ ފިލްމުގެ ބިރުވެރިކަން އާންމުންނަށް ދައްކުވައިލާފައެވެ.

އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.

މީގެ ކުރީން ވެސް އައިފިލްމްސްއިން ތުރިލާ ފަދަ ފިލްމުތައް ވަނީ ނެރެފައެވެ. ނަމަވެސް މިއީ އައިފިލްމްސްއިން ނެރޭ ފުރަތަމަ ބިރުވެރި ފިލްމެވެ. އެހެންވީމާ މިއީ އައިފިލްމްސްއަށް ތަފާތުވާނެ ފިލްމެއްކަން ޔަގީނެވެ.

comment ކޮމެންޓް