ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުން ހިރިޔާ ސްކޫލަށް ހުނަރާއި މަސައްކަތް ދަސްކޮށްދޭ ފަސް ލެބެއް ހަދިޔާކޮށްފިއެވެ.
ލަކްސް ރިސޯޓްސްގެ ރީޖަނަލް ޑިރެކްޓަރު ޙުސައިން އަފީފް މިއަދު "ސަން"އަށް ވިދާޅުވީ، "ހިރިޔާ ފަނާރު"ގެ ނަމުގައި ހިންގާ މި ލެބްތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ލަކްސް އަރިއަތޮޅު ރިސޯޓުން ހޯދާފައިވާ ތަޖުރިބާތަކުގެ އަލީގައި، ވަޒީފާގެ މާހައުލަށް ދަރިވަރުން ބައްޓަންކުރުމަށް އެހީވެދިނުމަށް ހަދާފައިވާ ލެބްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހިރިޔާ ފަނާރު ޕްރޮޖެކްޓަކީ ލަކްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ 'ސާކަލް އޮފް ކެއާ ޕޮރޮޖެކްޓު'ގެ ބައެއް ކަމަށެވެ.
ރޭ ހިރިޔާ ސްކޫލުގައި އިފްތިތާޙްކުރި "ހިރިޔާ ފަނާރު" އެކުލެވިގެންވަނީ ދަރިވަރުންނަށް ހުނަރާއި މަސައްކަތް ދަސްކޮށްދޭ ތަފާތު ލެބުތަކެއްގެ މައްޗަށެވެ. އެގޮތުން، ފެހުމާއި މާޖެހުންފަދަ މަސައްކަތްތައް، ވަޑާންކުރުމާއި ކަރަންޓުގެ ތަފާތު މަސައްކަތްތައް، އަދި ކުރަހާ ކުލަޖެއްސުމާއި ޢަމަލީ ފަންނުތައް ދަސްކޮށްދިނުމަށް ވެސް ޚާއްޞަ ވަކި ލެބުތަކެއް މީގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، ހޮސްޕިޓަލިޓީ ލެބުން، ކެއްކުމާއި ސާވްކުރުން، ކަސްޓަމަ ސާވިސް، ލޯންޑްރީ ސާވިސް އަދި ސާފުކުރުމާއި ރޫމް ތައްޔާރުކުރުންފަދަ އެތައް ކަމެއްގައި އަމަލީގޮތުން ބައިވެރިވެ، ދަސްކުރެވޭނެ މަގު ދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ.
"ހިރިޔާ ފަނާރު"ގެ ތަފާތު ލެބުތަކަކީ ދަރިވަރުންގެ މުސްތަގުބަލު އަލިކޮށްދޭނެ، އަލިގަދަ ދަންމަރުތަކެއް ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި އެ ސްކޫލުގެ ފުރާޅުގެ ދަށުން މުޖުތަމަޢަށް ނުކުންނަ ކޮންމެ ދަރިވަރަކީ ޤައުމަށް ފައިދާހުރި، ޒިންމާދާރު ފަރުދަކަށް ހެދުމަށް "ހިރިޔާ ފަނާރު" އެހީތެރިވެދޭނެކަމަށް ވެސް ސްކޫލުން ބުންޏެވެ.
މި ލެބްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެއްޓުމުގެ މަސްއޫލިއްޔަތާ ވެސް ހަވާލުވެފައިވާ ލަކްސް ރިސޯޓްސްގެ ފަރާތުން ޢަފީފް ވިދާޅުވީ ހިރިޔާ ސުކޫލަށް މި ލެބްތައް ހަދިޔާ ކުރުމަށް އެ ރިސޯޓުން ނިންމީ އެ ސުކޫލަކީ ޚިދުމަތުގެ ދާއިރާއަށް ދަރިވަރުން ތަމްރީނުކޮށް ތައްޔާރުކުރުމުގެ ޝައުޤުވެރިކަން އަބަދުވެސް ފާޅުކޮށް، އެކަމަށް އިސްކަންދޭ ތަފާތު ސްކޫލެއް ކަމަށް ލަކްސްގެ މެނޭޖްމަންޓަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.
ހިރިޔާ ސުކޫލުގެ ހުރިހާ ދަރިވަރުން ވެސް މި ލެބްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އެ ލެބްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ލަކްސްއިން އެދޭކަމަށް ޢަފީފް ވިދާޅުވިއެވެ.
އެ ލެބްތައް ހިރިޔާ ސްކޫލާ ހަވާލުކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ހަފުލާގައި ލަކްސް ރިސޯޓުގެ އިސް ވެރީންނާއި ސްކޫލްގެ ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ބައިވެރިވިއެވެ.