ފުލެޓު ލިސްޓު ނިމޭތާ ތިން ދުވަސް ތެރޭ އެއްބަސްވުމުގައި ސޮއިކުރެވޭނެ: އެފްޑީސީ

އެފްޑީސީން އިމާރާތްކުރާ 4000 ހައުސިން ޔުނިޓުގެ ނެއިބާހުޑް މޮޑެލްއެއް --- ސަން ފޮޓޯ

ފުލެޓު ލިސްޓާ ގުޅޭ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި، ފުލެޓު ލިބުނު މީހުންނަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު ބުނެފިއެވެ.

އެފްޑީސީން މިއަދު ފޭސްބުކުގައި އާންމު ކުރި ވީޑިއޯއެއްގައި ބުނީ މިހާރު ފުލެޓު އެއްބަސްވުންތައް ވެސް ޕްރިންޓުކޮށްފައި ހުރި ކަމަށެވެ. އަދި، ލިސްޓާ ގުޅޭ ކަންކަން ނިމޭތާ ތިން ދުވަސްތެރޭގައި އެ އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ލިސްޓުގެ ކަންކަން ނިމުމުން ފުލެޓު ލިބުނު މީހުންނަށް އަންގާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހާއްމަދު ޟާލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރާ 32 ހައުސިން ޓަވަރު އަންނަނީ އަޅަމުންނެވެ. އަަދި، މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފުރަތަމަ 4000 ފުލެޓަށް ވަދެވޭވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 4000 ހައުސިން ޔުނިޓު ތަރައްގީ ކުރާއިރު، އެ ޔުނިޓުތައް ހަވާލުކުރާނީ ކޮންމެހެން ބޭނުންވާ، ޒަރޫރީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ފަހުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެފްޑީސީން އަޅަމުން އަންނަ ފުލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފުލެޓެއް -- ސަން ފޮޓޯ

އެގޮތުން، ފުލެޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސްހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށި ފަދަ ތަކެތި ވެސް ފުލެޓުތަކުގައި ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.

މި ޓަވަރުތަކަކީ ޖުމްލަ ދެ ބަވާތެއްގެ އެޕާޓްމެންޓު ހިމެނޭ ޓަވަރުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރިއާއި ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

ކޮންމެ އެޕާޓްމެންޓެއްގައި ވެސް ކޮޓަރިތަކުގެ އިތުރުން ސިޓިން ރޫމް، ފާހަނާ، ބަދިގެ އަދި ބެލްކަނީއެއް ހުރެއެވެ. ބަދިގެއާއި ސިޓިން ރޫމަކީ ވަކިން ހުންނަ ދެ ތަނަށް ވާއިރު، ކޮޓަރިތަކުގެ ގޮތުގައި އެއް މާސްޓާ ބެޑްރޫމް އަދި ކުދި ރޫމްތައް ހުރެއެވެ.

އެ ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއަކީ ކޮމާޝަލް ވިޔަފާރިތަކަށް ހުޅުވައިލެވޭ ތަންތަނެވެ.

އެ ތަންތަނުން ވިޔަފާރިތަކަށް ޖާގަ ދިނުމުގައި އެންމެ ބޮޑަށް ބަލާނީ އަލަށް ކުރިއަރަމުން އަންނަ ވިޔަފާރިތަކަށެވެ. ކޮމާޝަލް ބޭނުންތަކަށް ވިޔަފާރިތައް ހޮވާއިރު، އެކަން ކުރާނީ އެ ކުންފުނިން ކަނޑައަޅާ މާސްޓާ ޕްލޭނެއްގެ ދަށުން އިއުލާން ކޮށްގެން ކަމަށް ވެސް އެފްޑީސީން މައުލޫމާތުދިނެވެ.

މި 4،000 ފުލެޓަކީ ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން، ފުރަތަމަ ފުލެޓު ލިބޭ މީހުންނަށް ދޭނެ ތަންތަނެވެ.

comment ކޮމެންޓް