ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރެޖިސްޓްރީ ވާން ބޭނުންވާ މީހުންގެ ފޯމު ޕާޓީތަކުން ގަނޑުކޮށް ގެނައި ނަމަވެސް ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
މަޖިލިސް އިންތިޚާބުގެ ގައުމީ ލަފާދޭ ކޮމިޓީއާ އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނުގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރީ-ރެޖިސްޓްރީ ވާނޭ އަދަދުކަމަށް ބެލެވެނީ 10،000 އާއި 15،000 ދެމެދުގެ އަދަދަށް މީހުން ކަމަށެވެ.
އެގޮތުން މި އިންތިޚާބަށް މި ގެނައި ބަދަލަކީ، ސިޔާސީ ޕާޓިތަކުން ގަނޑުކޮށް ގެންނަ ފޯމުތައް ބަލައިނުގަތުން ކަމަށެވެ. ރީ ރެޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް އެކަން ކުރެވޭނެކަމަށާއި، އޮންލައިންކޮށް ކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށެވެ.
"އަަޅުގަނޑުމެން މި ކަނޑާލަނީ ހަމައެކަނި ޕާޓިތަކުން ގެންނަ ބަލްކް. އެ ފުރުސަތެއް ނުދޭނަން. އެކަމަކު ދަރުބާރު ގޭގައި ނުވަތަ އަޅުގަނޑުމެން ކަނޑައަޅާ ރަށްރަށުގައި ހުންނަ ލޮކޭޝަނަކަށް ފޯނެއް ނެތް މީހެއް ވިޔަސް ފިޒިކަލީ ދިޔައިމަ ރަޖިސްޓާ ވެވޭނެ. އައިޑީ ކާޑު ހިފައިން ދާއިރަށް ވެވޭނެ،" ނަޝާތު ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވީމާ، ސިޔާސީ ޕާޓީތަކުން ވެސް އޮންލައިންކޮށް މީހުންގެ ރީ-ރެޖިސްޓްރޭޝަން ކަންކަން ފުރިހަމަކުރުމަށް ވިދާޅުވިއެވެ.
އީ ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރީ ރެޖިސްޓާ ކުރެވޭނެއެވެ. އަދި، އީ ފާސް ފެއިލްވާ ހާލަތެއްގައި އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރެޖިސްޓާ ކުރަން ފުރުސަތު ހުޅުވައިލި ދެ ދުވަހުގެ ތެރޭގައި 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވުމުން، އެ ފޯމުތަކުގެ ސައްޙަކަމާ މެދު އޭރުގެ އިދިކޮޅު ކޯލިޝަނުން ވަނީ ސުވާލު އުފައްދައިފައެވެ. އަދި، ގިނަ ބަޔަކަށް ނޭނގި އެ މީހުން ވޯޓުލާ ފޮށި ބަދަލުވަމުން އަންނަ ކަމުގެ ޝަކުވާ ވެސް އިދިކޮޅުން ކުރިއެވެ.