ޖެނެރޭޓަރު ސެޓު ނުވަތަ ޖެންސެޓެއްގައި މައްސަލަ ޖެހުމުން، ކަރަންޓުގެ ލޯޑު ބޮޑުވާތީ ފުވައްމުލަކު ސިޓީން އެކި ގަޑީގައި ކަރަންޓު ކަނޑާތާ މިއަދަށް 11 ދުވަސް ވެއްޖެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުވައްމުލަކުގެ ފެނަކައިން ކުރި އިއުލާނެއްގައިވަނީ، އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ޖެންސެޓަކަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން ރަށުގެ ހުރިހާ ހިސާބަކަށް ކަރަންޓު ނުދެވޭ ގަޑިތައް އަންނާނެ ކަމަށް ބުނެފައެވެ.
މުޅި ރަށަށް ކަރަންޓު ނުދެވޭ ވަގުތުތަކުގައި، ރަށުގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން އެއް ގަޑިއިރަށް ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށް ވެސް އެކުންފުނީގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ކޮންމެހެން ބޭނުންކުރަން ނުޖެހޭ ކަރަންޓު އާލާތްތަށް މި ދަނޑިވަޅުގައި ބޭނުންނުކުރުމަށް ވެސް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ދުވަހުގެ ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ފެނަކައިން އަންނަނީ ކަރަންޓު ކަނޑާނެ ސަރަހައްދުތަކާއި ގަޑީގެ މައުލޫމާތު، އެ ކުންފުނީގެ ފުވައްމުލަކު ބްރާންޗުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިއްސާކުރަމުންނެވެ.
އެ ތާވަލުތަކުގައި އެކި ސަރަހައްދުތަކަށް ކަރަންޓު ކަނޑާނެ ކަމަށް އާންމުކޮށް ބުނެފައި ވަނީ އެއް ގަޑިއިރަށެވެ.
މިކަމާ ގުޅިގެން ފުވަމުލަކު ސިޓީ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އަސްލަމް ރަޝީދު "ސަން"އަށް ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް މެންދުރު ކުރީގެ ވަގުތުތަކުގައި ރަށުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭ ކަމަށެވެ.
"އާންމުކޮށް ރަސްމީ ދުވަސްދުވަހު ރަސްމީ ތަނަތަނުގައި ރަސްމީ ގަޑިތަކުގައި ކަރަންޓު ލިބޭނެ. ދެން އާންމުކޮށް ރޭގަނޑު ގަޑީގައި މަގުތަކުގައި ހުންނަ ލައިޓުތައް ވަކި އިރެއްވަންދެން އާންމުކޮށް އެންމެ ލޯޑު ބޮޑުވާ ގަޑީގައި މި ހުންނަނީ ނިއްވައިލައިފައި. ދެން ފަހުން ގާތްގަނަޑަކަށް 10 ޖަހަންވާއިރަށް ކޮންމެވެސް ވަރަކަށް މި ހުންނަނީ ލޯޑު ވެއްޓިފައި،" އޭނާ ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް މި މައްސަލަ ހައްލުވާނީ ސީދާ ކޮން އިރަކު ކަމެއް ނޭނގޭ ކަމަށެވެ.
މީގެ އިތުރުން ފުވަމުލަކަށް މިހާރު އިތުރު ޖެނަރޭޓަރު ސެޓެއް ބޭނުންވާ ކަމަށާއި އެ މަސައްކަތް މިހާރު ފެނަކައިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖެނެރޭޓަރު ސެޓަކަށް ސިޓީ ކައުންސިލުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.