ފުރަތަމަ ބެލެވުނު ވަރަށްވުރެ، ލިވަޕޫލުގެ މިސްރު ތަރި މުހައްމަދު ސަލާހުގެ އަނިޔާ ސީރިއަސް ކަމަށް އޭނާގެ އެޖެންޓް ބުނެފިއެވެ.
ސަލާހުގެ ފައިގެ މަސްގަނޑަށް އަނިޔާވެފައިވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި މިސްރުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.
އެ އަނިޔާއާ ގުޅިގެން ސަލާހު ރިކަވަރީއަށް އެނބުރި އިނގިރޭސިވިލާތަށް ދާނެ ކަމަށް މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވާ އިރު، ސަލާހުގެ އަނިޔާ ސީރިއަސްކަން އޭނާގެ އެޖެންޓް ވަނީ ކަށަވަރުކޮށްދީފައެވެ.
"ފުރަތަމަ ބެލެވުނު ވަރަށްވުރެ ސަލާހުގެ އަނިޔާ މާ ސިރިއަސް. އޭނާ 21 ދުވަހާއި 28 ދުވަހާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ. މި ވަގުތު އޭނާއަށް އެންމެ މުހިންމީ އިނގިރޭސިވިލާތުގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް، ފިޓުވުމަށް މަސައްކަތްކުރުން،" ސަލާހުގެ އެޖެންޓް ރަމީ އައްބާސް، އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 31 އަހަރުގެ ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން މިސްރުން އެފްކޮންގައި ކުޅޭ އެއްވެސް މެޗަކުން އޭނާ ދެން ނުފެންނާނެއެވެ. އޭނާ އަންނަ މަހުގެ ނިޔަލަށް ލިވަޕޫލުގެ މެޗަކުން ވެސް ނުފެނުން އެކަށީގެންވެއެވެ.
އެފްކޮންގައި ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު މިސްރުން ވަނީ 'ގްރޫޕު ބީ'ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ނަމަވެސް މިހާތަނަށް މިސްރަށް މުބާރާތުގައި އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. އެ ޓީމު ކުޅުނު ތިން މެޗު ވެސް ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.