އާރުޓީއެލް ފެރީގެ ނިޒާމް ހަރުދަނާ ކުރުމަށް ޖަޕާނުން އެހީ ހޯދަނީ

ޖޭއައިސީއޭގެ އޮފިޝަލުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ

އާރްޓީއެލް ފެރީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ)ގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފިއެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޖޭއައިސީއޭގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، މި ކަމާ ގުޅޭގޮތުން މަޝްވާރާ ކުރައްވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން 'ސަން'އަށް މައުލޫމާތު ދިންގޮތުގައި، އާރްޓީއެލް ފެރީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ޖޭއައިސީއޭގެ ފަރާތުން ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމާ ބެހޭގޮތުން މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން، ގްރޭޓާ މާލެ ސަރަހައްދުގައި ހަދާ ފެރީ ޓާމިނަލްތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅުވާލަން ސަރުކާރުން ފަށާފައިވާ އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ކުރިއަށްގެންދަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކުގައެވެ.

comment ކޮމެންޓް