އެމްއައިއެފްއެސް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އެމްއައިއެފްއެސް އަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ(އެމްއައިއެފްއެސް)ގެ ހިންގުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.

ގާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ މަނިކުފާނު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދެވީ 21 ޖެނުއަރީގައެވެ. އެއަށްފަހު އެ ތަން ހަވާލުކުރީ އިކޮނޮމިކް މިނިސްޓްރީއާއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް މިގޮތަށް ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

މިގޮތަށް ނިންމެވީ، ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދެއްވާފައިވާ ލަފާގެ މަތިންކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދި މި މަހު 11 ވަނަ ދުވަހުން ފެށިގެން އެމްއައިއެފްއެސް ހިންގާނީ ފިނޭންސް މިނިސްޓްރީގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.

މި އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޯފް-ޝޯ ފައިނޭންސިން ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމާއި، ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން ހިމެނެއެވެ.

comment ކޮމެންޓް