ކައްކާ ގޭސް ގަތުމުގައި ރިޝްވަތު ނެގި މައްސަލައެއްގައި މައުމޫނަށް ދައުވާކުރަން ފޮނުވައިފި

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ އަބްދުﷲ މައުމޫން --

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވިއިރު، ކައްކާ ގޭސް ގަތުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގައިފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފާހަގަވެފައިވާކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.

އޭސީސީން މިއަދު ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، އެ ކަން ފާހަގަވީ އެ ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލައެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ ކުންފުނިން ގަންނަ ކައްކާ ގޭސް، ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރެއިން، މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގައިފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް އޭސީސީން ބުންޏެވެ.

އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ މީހުންނަަށާއޮ، އޭނާގެ އާއިލާގެ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އެހެންވެ އޭސީސީންވަނީ އޭނާގެ މައްޗަށް ހަތް ދައުވާކޮށްދިނުމަށް ޕީޖީގައި އެދިފައެވެ. އެއީ:

  1. ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
  2. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  3. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  4. ކުށެއް ކުރަން އެދުމުގެ ދައުވާ
  5. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
  6. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
  7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ

ހަމައެއާއެކު މި މައްސަލައިގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ގެއްލުނު، ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ނިންމައިފައިވާކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް މޯލްޑިވް ގޭހުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތަކެއް ހިނގިކަމުގެ ތުހުމަތު ކުރެވިފައި އެބަހުއްޓެވެ.

comment ކޮމެންޓް