ގޭގެއަށް ގޭސް ވިއްކުމަށް ހުއްޓުމެއް ނާދޭ، 45 ކިލޯގެ ފުޅިވެސް ދައްޗެއް ނެތި ލިބޭނެ: މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދު: ގޭގެއަށް ގޭސް ވިއްކުމަށް ހުއްޓުމެއް ނާންނަ ކަމަށާއި 45 ކިލޯގެ ފުޅިވެސް ދައްޗެއް ނެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މޯލްޑިވް ގޭސް

އާންމު ގެތަކަށް ވިއްކާ ގޭސް ހުސްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙައްމަދު ދޮގުކުރައްވައިފިއެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ "ސަން"އަށް ވިދާޅުވީ ގޭގެއަށް ދޫކުރާ ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. ނަމަވެސް 45 ކިލޯގެ ފުޅި ގޭހުގައި އިއްޔެ ކުޑަ ޝޯޓޭޖެއް އުޅުނު ކަމަށާއި އެކަން ވެސް މިހާރު ހަމަޖެހިފައި ވާކަމަށް އޭނާ ވިދާާޅުވިއެވެ.

"ކަނޑައެޅިގެން ބޮޑު ދޮގެއް އެއީ. ޝޯޓޭޖެއް އުޅުނު އިއްޔެ އެކަމު އެއީ 45 ކިލޯގެ. އެކަން މިހާރު ހަމަޖެހިއްޖެ." އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 45 ކިލޯގެ ފުޅި ލިބުމުގައި ދަތިވީ މުދާ އުފުލާ ބޯޓު ލަސްވުމުން ކަމަށެވެ. އެގޮތުން ބޯޓު ބައެއް ފަހަރު އެއްދުވަސް ދެދުވަސް ލަސްވާ ކަމަށާއި ނަމަވެސް މިފަހަރު މިގޮތަށް ދިމާވީ ދެތިން ދުވަސް ލަސްވުމުން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އެއީ ހަމައެކަނި ސަޕްލަޔަރުންގެ ފަރާތުން އައި ލަސްކަމެއްކަން ފާހަގަކޮށް އޭނާ ވަނީ ކުންފުނީގައި އެއްވެސް މާލީ ދައްޗެއް ވެސް ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް