އޯފްޝޯ ފައިނޭންސްގެ ޚިދުމަތް ދިނުމަށް، ރައީސް ޑރ. މުޙައްމަދު މުުއިއްޒު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ އިދާރާގެ ދަށުން އޮފްޝޯ ފައިނޭންސްގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނު އެކުލަވައިލުމާއި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ވެސް އެ އިދާރާއިން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އިދާރާގެ ސަބަބުން ޒަމާނީ ވަސީލަތްތަކާއެކު މާލީ ޚިދުމަތްތައް ފޯރުކޮށްދެވި، ރައީސްގެ ތަސައްވުރަށް ވާސިލްވުމަށް މަގުފަހިވާނެ ކަމަށެވެ.
އޮފްޝޯ ފައިނޭންސިން ޚިދުމަތްތައް ދެނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ކަމަށްވާއިރު، އެ ގާނޫނުގައިވާ ގޮތުން އެފަދަ ޚިދުމަތްތަކަކީ އާންމުކޮށް ރަށްވެހިންނަށް ސީދާ ޚިދުމަތް ނުދެވޭ ގޮތަށް އެ ގާނޫނުގެ ދަށުން ދިނުން ހުއްދަ އިނާޔަތްތައް ލިބޭ ގޮތަށް، އޮފްޝޯ ފައިނޭންޝަލް ސާވިސަސް ލައިސަންސެއް ހޯދައިގެން އޮފްޝޯ ފައިނޭންޝަލް ސާވިސަސްގެ ގޮތުގައި ޒޯނެއްގައި ގާއިމުކޮށް ހިންގާ ޚިދުމަތްތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ، އެމްއެމްއޭއިން ހުއްދަކުރާ ބޭންކިން ޚިދުމަތާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓޯން ހުއްދަކުރާ ސެކިއުރިޓީޒްގެ ޚިދުމަތާއި އެމްއެމްއޭއިން ހުއްދަކުރާ އިންޝުއަރެންސް ޚިދުމަތާއި އެ އޮތޯރިޓީން ހުއްދަ ކުރާ ފައިނޭންސިން ލީސިން ޚިދުމަތާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓޯން ހުއްދަކުރާ ކަލެކްޓިވް އިންވެސްޓްމެންޓް ސްކީމްގެ ޚިދުމަތާއި އޭގެ ތެރެއިން އެއް އޮތޯރިޓީއަކުން ހުއްދަކުރާ އެހެނިހެން މާލީ ޚިދުމަތްތައް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.