16 އަހަރަށް ފަހު ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

އޮކްޓޯބަރ 28، 2018: ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: އޭނާ ވަނީ ޖޭޕީން ވަކިވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، 16 އަހަރަށް ފަހު މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ނިމުނު ދައުރުގައި ފައިސަލް ނައިބު ރައީސްކަން ވެސް ކުރެއްވީ ޖޭޕީގެ ސްލޮޓެއްގައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފައިސަލް މިއަދު ވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަން ސިޓީ ފޮނުއްވައިފައެވެ. އޭނާ ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ އެކުގައި ވެސް މަޝްވަރާ ކުރެއްވިކަން ވަނީ އެނގިފައެވެ.

އެކަމަކު، ޖޭޕީން ވަކިވެ ފައިސަލް މިހާތަނަށް އިތުރު ޕާޓީއަކާ އަދި ގުޅިވަޑައިގެންފައެއް ނުވެއެވެ.

ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ޚިދުމަތް ކުރައްވައިފައެވެ. އެއަށް ފަހު، ރައްޔިތުންގެ ރުހުމާ އެކު 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވިއެވެ.

އޭގެ ފަހުން، އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެއަށް ފަހު، ފައިސަލް ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީގައެވެ.

https://sun.mv/179480

އޭރު މަޖިލީހުގެ ދައުރު ހަމަވުމުން ސިޔާސީ ކަންކަމުން ބްރޭކެއް ނެންގެވުމަށް ފަހު ފައިސަލް އަލުން ސިޔާސީ ކަންކަމަށް ނުކުންނެވީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި އޭނާ ވަނީ ކާށިދޫ ދާއިރާއަށް އިންތިޚާބުވެފައެވެ.

ޖެހިގެން އައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެން ނިންމައި ރަނިންމޭޓަކު ކަނޑައަޅަން ޖޭޕީއަށް ފުރުސަތު ދިނުމުން ފައިސަލް ވަނީ ޖޭޕީގެ އެތެރޭ އިންތިޚާބުގައި ވާދަކުރައްވައިފައެވެ.

ޖޭޕީގެ އެތެރޭ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު ފައިސަލް ވެފައިވަނީ އޭރުގެ އިދިކޮޅު ކެންޑީޑޭޓު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓަށެވެ. އެ އިންތިޚާބު ކާމިޔާބުވުމާ އެކު ފައިސަލް ވެވަޑައިގަތީ ރާއްޖޭގެ ނުވަވަނަ ނައިބު ރައީސަށެވެ.

އޭނާއަކީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ހަމަކުރި ހަމައެކަނި ނައިބު ރައީސެވެ.

ޖޭޕީން ވަކިވުމަށް ފަހު ފައިސަލް މިހާތަނަށް ޕާޓީއަކާ ގުޅިވަޑައިނުގަތް ނަމަވެސް މި މަހު 13 ގައި ބޭއްވި މާލޭ ސިޓި ކައުންސިލްގެ ބައި އިލެކްޝަންގައި ވެސް އޭނާ ވަނީ އެމްޑީޕީގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް