ނުހިއްކާބިމުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޭނެކަމުގެ ލިޔުމެއް ދެނީ

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިއަށް ގެންދަނީ -- ފޮޓޯ/ ޕީއެސްއެމް

މިދިޔަ ސަރުކާރުން ގުޅީފަޅާއި ގިރާވަރު ފަޅުގެ ނުހިއްކާ އޮތް ބައިން ބިން ދީ ގެޒެޓުކޮށްފައިވާ މީހުންނަށް، އެ ބިން ހިއްކާ ނިމުމުން ރަޖިސްޓްރީ ހަވާލުކުރާނެ ކަމުގެ ލިޔުމެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، މާލޭ ބިންވެރިންގެ ޖަމިއްޔާއިން މިރޭ ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީ އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފުގެ ވާހަކައިގައެވެ.

ރައީސާއެކު ބޭއްވި ބައްދަލުވުމެއްގެ ޚުލާސާ ދެއްވަމުން ސުނާދު ވިދާޅުވީ، އެ ލިޔުން ބިންވެރިންނަށް ހަވާލުކުރާނެކަމުގެ ޔަގީންކަން ރައިސް ދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސުނާދު ވިދާޅުވީ ބިންތަކުގެ ރަޖިސްޓްރީ ހަވާލުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ކުރެވެން އޮތް ގޮތެއް ބަލައި އެގޮތަކަށް އެކަން ކުރާނެކަމަށް ރައީސް ވިދާޅުވެފައި ވާކަމަށެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުގައި އެ ސައްލާގައި ވާހަކަ ދެއްކެވި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ނުހިއްކާ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ. އެގޮތުން މިހާރު ގިރާވަރު ފަޅުން 50 ނުވަތަ 54 ހެކްޓަރު ހިއްކާފައި ވާކަމަށާއި ގުޅީފަޅުން 94 ހެކްޓަރު ހިއްކާފައި ވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

އެ ދައުރު ނިމުމުގެ ކުރިން ގޯތިތަކުގެ ރަޖިސްޓްރީ ދޭން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ނިމިފައިނުވެއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ހަވާލުކުރަން ނިންމީ 4،000 ފްލެޓެވެ.

comment ކޮމެންޓް