މާލެ ސަރަހައްދުގައި ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ, ކ. ގުޅީފަޅު, ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުން ނަގައި, ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަކަން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.
އިތުރު ތަފްސީލު ދެއްވަމުން ހަމްދާން ވިދާޅުވީ، އެކަމާ ގުޅިގެން ވަރަށް ބައިވަރު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން، މިހާރު ގުޅީފަޅުގައި ހުރި އޮޕަރޭޝަންތައް އިވެލުއޭޓް ކުރުމާއި އިވެލުއޭޝަންއާ ގުޅުން ހުރި މަސައްކަތްތަކާއި މިހާރު ގުޅީފަޅާ ގުޅޭގޮތުން ހަދާފައި ހުރި އެގްރިމަންޓުތައް ރިވިއު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އިތުރަށް ހަމްދާން ވިދާޅުވި ގޮތުގައި، އެ ހުރިހާ މަސައްކަތްތަކެއް ނިމި، އެފްޑީސީއަށް ގުޅީފަޅު ހަވާލުކުރާނެ ތާރީޚެއް ދަންނަވަން އަދި ދައްޗެވެ. މިހާރު އެންމެ އިސްކަންދީގެން ކުރަމުން އަންނަނީ ކެބިނެޓުން ނިންމާފައިވާ ގޮތަށް އެފްޑީސީއާއި އެޗްޑީސީ އެއްކޮށްލުމުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
"[ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް] އެވެސް އަޅުގަނޑުމެން މިދަނީ ޑޮކިއުމަންޓޭޝަން އެކްސްޗޭންޖުކޮށް، ދެމުން އަންނަ ޚިދުމަތަށް އެއްވެސް ކަހަލަ ބުރު ނާރާނެ ކަހަލަ ގޮތަކަށް ކަންކަން ރާވަމުން މިދަނީ ދެ ކުންފުނިން ހަމަ މީޓިންތައް ބާއްވައިގެން," ހަމްދާން ވިދާޅުވިއެވެ.
އެޗްޑީސީއިން އެފްޑީސީއަށް ގުޅީފަޅު ދިނުމަށް ނިންމާފައިވާއިރު، ކެބިނެޓުން ވަނީ އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފައެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މީގެފަހުން ސަރުކާރުގެ ހުރިހާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެފްޑީސީގެ ތެރެއިން ކަމަށެވެ.
އަދި އެޗްޑީސީ ވާނީ ސަރުކާރުން ތަރައްގީ ކުރަން ނިންމާ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރާނެ ކުންފުންޏަށް ކަމަށް ވިދާޅުވިއެވެ.