ޣައްޒާގައި އުފަންވާ ކުދިން އިސްރާއީލުން އެދުވަހު މަރާލާކަމަށް އދ. ބުނެފި

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަަކަށް ހަމަލާދީ ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ތުއްތު ކުދިންތަކެއް

ޣައްޒާ (20 ޖަނަވަރީ 2024): ޣައްޒާގައި އުފަންވާ ކުދިން އިސްރާއީލުން އެދުވަހު މަރާލާ ކަމަށާއި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި ހިންގަމުންގެންދާ ގަތުލު އާންމުތަކުގައި މިހާތަނަށް ޔަހޫދީ އިސްރާއީލުން ޝަހީދުކޮށްލާފައިވާ 24 ހާހަށް ވުރެ ގިނަ އާންމުންގެ ތެރޭގައި 16 ހާހަށް ވުރެގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން އދ.އިން ހާމަކޮށްފިއެވެ.

އދ.ގެ މަސްއޫލުވެރިއެއްކަމަށްވާ ސީމާ ބާޙޫސް ވިދާޅުވީ އިސްރާއީލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށް އަމާޒުކުރާކަން ފާހަގަ ކުރެވޭކަމަށާއި ތިން މަސްތެރޭގައި މިހާ ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން އެހެން އެއްވެސް ހަނގުރާމައެއްގައި މަރާލާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

ކުޑަކުދިންނާބެހޭ އދ.ގެ އެޖެންސީ "ޔުނިސެފް"އިން ވެސް ވަނީ އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ ކުށެއް ނެތް ކުޑަކުދިންނަށް އަމާޒުކުރާކަން ހާމަކޮށް، އެކުދިން މަރަމުންގެންދާ މައްސަލައިގައި އިންތިހާއަށް ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

ޔުނިސެފް ބުނާގޮތުން މީގެ ތިން މަސްކުރިން އިސްރާއީލުން ޣައްޒާއަށް އާންމުންނާ ދެކޮޅަށް ހަމަލާތައް ދޭން ފެށިފަހުން ޣައްޒާގައި ގާތްގަނޑަކަށް 20 ހާސް ތުއްތު ކުދިން އުފަންވެފައިވާ ކަމުގައެވެ. އޭގެތެރެއިން ބައެއް ކުދިން އުފަންވި ދުވަހު ނޫނީ ހަތް ދުވަސްވެސް ނުވަނީސް އިސްރާއީލުން ހަމަލާދީ މަރާލާފައިވާކަން ޔުނިސެފުން ފާހަގަކުރިއެވެ.

އާބާދީއާބެހޭ އދ.ގެ އެޖެންސީ "ޔޫއެން.އެފް.ޕީ.އޭ" ބުނާގޮތުން ޣައްޒާގައި މިހާރުވެސް 40 ހާހަށްވުރެ ގިނަ އަންހެނުން ވިހާން ތައްޔާރުވެފައި އެބަތިއްބެވެ. ނަމަވެސް ވިހާ އަންހެނުންނަށް އެންޓިނޭޓަލް ކެއާ އާއި ޕޯސްޓްނޭޓަލް ކެއާ ލިބޭނެގޮތެއް ނެތެވެ. އެއީ އިސްރާއީލުން ހަމަލާދީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ކުލިނިކްތައް ހަލާކުކޮށްލާފައިވާތީއެވެ. އަނެއްކޮޅުން ޣައްޒާގައި ބޭސް ނެތުމުން އަންހެނުން ސިޒޭރިއަން ހަދަންޖެހެނީވެސް އައްސިކުރާ އިންޖެކްޝަން ނުޖަހައިކަން އެއެޖެންސީން ފާހަގަކުރެއެވެ.

ޣައްޒާގައި 2.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު އިސްރާއީލުން ހަމަލާދީ ޣައްޒާގެ އާންމުންގެ 24 ހާހަށް ވުރެގިނަ މީހުން ޝަހީދުކޮށް 62 ހާހަށްވުރެގިނަ އާންމުންވަނީ ޒަޚަމްކޮށްލާފައެވެ. އަދި ދޮޅު މިލިޔަނަށްވުރެ ގިނަމީހުންގެ ގެދޮރުވަނީ ހަލާކުކޮށްލާފައެވެ.

މި ދޮޅު މިލިޔަން މީހުން މިހާރު ދިރިއުޅެން ޖެހިފައިވަނީ ގެދޮރުނެތް ރެފިއުޖީންގެ ގޮތުގައެވެ. އޭގެތެރެއިން މަދުބަޔަކު ރެފިއުޖީ ވަގުތީ ކޭންޕްތަކުގައި ދިރިއުޅޭއިރު ގިނަ ބަޔަކު ދިރިއުޅެނީ އިސްރާއީލުން ހަމަލާދީ ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރޭގައެވެ. ޝަހީދުކޮށްލާ މީހުންގެ އަދަދުވެސް ގިނަކަމުން އެމީހުން ވަޅުލެވޭނެ ގޮތެއްވެސް ނެތެވެ. މީހުންގެ ހަށިތައްދަނީ ކުނިވަމުންނެވެ.

އިސްރާއީލުން މިހާރުވެސް ކޮންމެ ދުވަހަކު ޣައްޒާގެ އާންމުންގެ 200 ވަރަކަށް މީހުން ޝަހީދުކޮށް 500 ވަރަކަށް މީހުން ޒަޚަމްކޮށްލައެވެ. ޣައްޒާގައި 30 އަށްވުރެ ގިނަ ހޮސްޕިޓަލް ހުރިއިރު އޭގެތެރެއިން 25އަށް ވުރެ ގިނަ ހޮސްޕިޓަލަށް ބޮންއަޅައި އެތަންތަން ވަނީ ހަލާކުކޮށްލާފައެވެ.

އިސްރާއީލުގެ މަސްއޫލުވެރިންވަނީ ޣައްޒާގެ އާންމުންނަކީ ހައިވާނުންތަކެއްކަމަށް ސިފަކޮށްފައެވެ. އަދި އިސްރާއީލުގެ ވަޒީރަކުވަނީ އެޓޮމް ބޮންއަޅައި ޣައްޒާގެ އާންމުން މަރައި އެމީހުން ވުޖޫދުން ފުހެލުމަށް ފާޅުގައި ގޮވާލާފައެވެ.

މިހުރިހާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް އިސްރާއީލުން ހިންގާއިރުވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ގެންދަނީ އިސްރާއީލަށް ތާއީދު ކުރަމުންނެވެ. އިސްރާއީލުން މިޖަރީމާތައް ހިންގުމަށް ބޭނުންވާ ހަތިޔާރާއި ޖާސޫސީ މައުލޫމާތާއި އެނޫންވެސް އިސްރާއީލު ބޭނުންވާ ހުރިހާކަމެއް ފޯރުކޮށްދެމުންނެވެ.

އަދި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ގެންދަނީ މިޖަރީމާތައް ހުއްޓާނުލައި ކުރިޔަށް ގެންދިޔުމަށް އިސްރާއީލަށް ހިތްވަރުވެސް ދެމުންނެވެ. އަނެއްކޮޅުން ޔޫރަޕާއި އެމެރިކާ ދެކޭގޮތުގައި ކުށްވެރިއަކީވެސް އިސްރާއީލެއް ނޫނެވެ. އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ފަލަސްތީނެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނެވެ. ޚާއްސަކޮށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އެނޫންވެސް ޖަމާއަތްތަކެވެ.

ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އިއްޔެވެސް ޔޫރަޕްގެ އިއްތިޙާދުންވަނީ ހަމާސް އާ ގުޅުން އޮންނަ ބައެއް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އިސްރާއީލުން ޣައްޒާގެ އާންމުން މަރާތަން ނުފެންނަ ކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.

އެމެރިކާއާއި ޔޫރަޕްގެ ނަޒަރުގައި ހަމާސް ޓެރަރިސްޓް ޖަމާއަތަކަށްވަނީ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންގެންދާތީ އެމައްސަލަ ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ހުށަހެޅުމުންވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުންވަނީ އެޖަރީމާތައް ދިފާއުކޮށް އިސްރާއީލުގެ ހިމާޔަތުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ތެދުވެ، ދެކުނު އެފްރިކާއަށް ފިއްތުންތައް ކުރިމަތިކުރަން ފަށާފައެވެ.

comment ކޮމެންޓް