ކުޅުންތެރިންނަށް އަހަރެންގެ ބޭނުމެއް ނެތްނަމަ، ބާސާ ދޫކޮށްލަން ތައްޔާރު: ޒަވީ

ބާސާގެ ކޯޗު ޒަވީ -- ފޮޓޯ/ ގެޓީ

ބާސެލޯނާގެ ކުޅުންތެރިންނަށް އޭނާގެ ބޭނުމެއް ނެތްނަމަ، ކްލަބު ދޫކޮށްލަން ތައްޔާރު ކަމަށް އެ ކްލަބުގެ ކޯޗު ޒަވީ ބުނެފިއެވެ.

ދާދި ފަހުން 'އީއެސްޕީއެން'ން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަވީގެ ނިންމުންތަކާ މެދު ކުޅުންތެރިންގެ ހިތްހަމަނުޖެހުމެއް ހުރުމުން، އަންނަ ސީޒަނުގައި އޭނާގެ ބަދަލުގައި ބާސާއިން އާ ކޯޗެއް ހޯދާނެއެވެ. އެކަމާ ގުޅޭގޮތުން އުމުރުން 43 އަހަރުގެ ޒަވީ ވެސް މިހާރު ވަނީ ވާހަކަދައްކައިފައެވެ.

"އަހަރެން މި ކްލަބު ދެކެ ލޯބިވޭ. އަހަރެން މިހުރީ މި ކްލަބަށް ކަންތައްތަކެއް ކޮށްދޭން. އަހަރެންނަށް އެ ކަންކަން ނުވާނަމަ، މިހުރީ ދޫކޮށް ދާން ތައްޔާރަށް. އަހަރެންނަށް މިދިޔަ ސީޒަނުގެ ލަލީގާ ކާމިޔާބު ނުކޮށްދެވުނު ނަމަ، އަހަރެން މި ކްލަބުގައި ނުހުންނާނެ. އަދި ކުޅުންތެރިންނަށް އަހަރެންގެ ބޭނުމެއް ނެތް ނަމަވެސް، ކްލަބު ދޫކޮށްލާނަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ޒަވީ ބުނީ ކަންތައްތަކެއް ގޯސް ކަމަށް މީހަކު ބުންޏަސް، ކްލަބު ދޫކޮށްލަން ތައްޔާރަށް ހުރި ކަމަށާއި އޭނާއާ ކްލަބު ހަވާލުކުރިއިރު ވެސް، ބާސާގެ ހާލަތު އޮތް ގޮތް ކްލަބުގެ ވެރިން ކިޔައިދީފައިވާ ކަމަށެވެ. އަދި މި ސީޒަނުގައި ކާމިޔާބު ހޯދުމުގެ ފުރުސަތު އަދިވެސް އޮތްކަން އޭނާ ފާހަގަކުރިއެވެ.

އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ބާސާއަށް މި ސީޒަނުގެ ލަލީގާގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ބާސާ އާއި އެއްވަނައިގައި އޮތް ޖިރޯނާއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑާ ދެމެދު ވެސް ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް