ސެމްސަންގް ގެލެކްސީ އެސް24 ސީރީޒްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ހިލޭ ލިބޭނީ 2025 ވަނަ އަހަރާ ހަމައަށްކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފިއެވެ.
ސެމްސަންގް ގެލެކްސީ އެސް24 ސީރީޒް އެ ކުންފުނިން ބުދަ ދުވަހު ކެލިފޯނިއާގައި ބޭއްވި އިވެންޓެއްގައި ދައްކާލާފައިވާއިރު، އެ ކުންފުނީގެ ޕްރެޒެންޓޭޝަންގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެ ކުންފުނީގެ ގެލެކްސީ އޭއައި ޓެކްނޮލޮޖީގެ އެހީގައި އާ އޭއައި ފީޗާތައް ދައްކާލުމަށެވެ.
ނަމަވެސް ސެމްސަންގްގެ ވެބް ޕޭޖްތަކުގައި ޖަހާފައިވާ ފުޓްނޯޓަކުން އެނގޭ ގޮތުގައި ގެލެކްސީ އެސް24 ސީރީޒްގެ އާ މޮޑެލްތަކަށް ގެލެކްސީ އޭއައި ފީޗާތައް ލިބެން ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ސެމްސަންގް ގެލެކްސީ އެސް24 އަލްޓްރާ، ގެލެކްސީ އެސް24 އަދި ގެލެކްސީ އެސް24 ޕްލަސްގެ ޑިވައިސް ޕޭޖްތަކުގައި އެ ކުންފުނިން ވަނީ މި ތިން މޮޑެލްއިން ދޭ އާ އޭއައި ފީޗާތައް ފާހަގަކޮށްފައެވެ.
ޕޭޖުގެ ތިރީގައިވާ ފުޓްނޯޓެއްގައި ވަރަށް ސާފުކޮށް ލިޔެފައިވަނީ ސެމްސަންގް ގެލެކްސީ ޑިވައިސްތަކުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ގެލެކްސީ އޭއައި ފީޗާތައް ހިލޭ ލިބޭނެ ކަމަށެވެ. އަދި، ތިންވަނަ ފަރާތަކުން ދޭ އޭއައި ފީޗާތަކަށް ތަފާތު ޓާމްސް އެޕްލައި ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އޭގެ މާނައަކީ ސެމްސަންގް ގެލެކްސީ އެސް24 ސީރީޒްގެ ފޯނު ގަންނަ ކަސްޓަމަރުންނަށް 2025 ވަނަ އަހަރުގެ ނިޔަލަށް އިތުރު އަގަކާ ނުލައި މި ފީޗާތަކަށް ވަދެވޭނެ ކަމަށް ވިޔަސް، ދެ އަހަރުގެ މުއްދަތަށް ފަހު މި ފީޗާތަކަށް ވަނުމަށް ކަސްޓަމަރުން އިތުރު ފައިސާ ދައްކަން ޖެހިދާނެކަމެވެ. ނަމަވެސް ފައިސާ ދައްކަން ޖެހޭނެ ކަމެއް ނުވަތަ ނޫން ކަމެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.
ސެމްސަންގަކީ އާ ސްމާޓްފޯން މޮޑެލްތަކުގައި އޭއައި ސޮފްޓްވެއާ ފީޗާތައް ތައާރަފުކުރި ފުރަތަމަ ކުންފުންޏެއް ނޫނެވެ. އެޕަލްއިން އައިފޯން 14 ސީރީޒްގެ ސްމާޓްފޯންތައް ތައާރަފުކުރީ ސެޓެލައިޓް ފީޗާ މެދުވެރިކޮށް އާ އިމަޖެންސީ އެސްއޯއެސް ޚިދުމަތް ލިބޭގޮތަށެވެ. އެޕަލްއިން ވެސް މި ޚިދުމަތް ހިލޭ ފޯރުކޮށްދޭނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އޭގެ ފަހުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ހޯދުމަށް ޖެހޭނީ ފައިސާ ދައްކާށެވެ.
ނަމަވެސް ސެމްސަންގްގެ ފުޓްނޯޓްގައި އިޝާރާތްކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތުގައި އެ ކުންފުނީގެ އޭއައި ޕަވާޑް ފޯނާއި މެސެޖްތަކާއި ގެލެރީ އަދި ނޯޓްސް އެޕް ފީޗާތަކަށް ސަބްސްކްރިޕްޝަނެއް އަންނާނެ ވާހަކަތަކެއްތޯ ނުވަތަ ގޫގުލްއާ ގުޅިގެން އުފެއްދި ސާކަލް ޓު ސާޗް ފަދަ ތާޑް ޕާޓީ އޭއައި ޕަވާޑް ފީޗާތަކަށް އެ ކުންފުނިން ހަމައެކަނި ޗާޖު ކުރާނެ ވާހަކަ ކަމެއް ސާފުކޮށް ނޭނގެއެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި މި އޭއައި ޕަވާޑް ފީޗާތަކުގެ އަގުގެ އިތުރު ތަފުސީލު އެ ކުންފުނިން ހިއްސާކުރާނެ ކަމަށް އުންމީދު ކުރެވިދާނެއެވެ.