ސެމްސަންގުގެ 130 އިންޗީގެ އާ ޓީވީ، ތަފާތު ޑިޒައިނާއި އޭއައި ފީޗާތައް

ސެމްސަންގް އިލެކްޓްރޯނިކްސްއިން ދުނިޔޭގެ އެންމެ ފުރަތަމަ 130 އިންޗީގެ މައިކްރޯ އާރްޖީބީ ޓީވީ ލަސްވޭގަސްގައި މިހާރު ކުރިއަށްދާ ސީއީއެސް 2026 ފެއާގައި ދައްކާލައިފިއެވެ.

މިއީ މިހާތަނަށް އެ ކުންފުނިން އުފެއްދި އެންމެ ބޮޑު މައިކްރޯ އާރްޖީބީ ޑިސްޕްލޭއެވެ.

"އާރް95އެޗް" މޮޑެލްގެ މި ޓީވީއަކީ އާދައިގެ ޓީވީތަކާ ތަފާތުކޮށް، ގޭގެ ފާރުގައި ހަރުކޮށްފައި ހުންނަ ކުޑަދޮރެއް ނުވަތަ އިމާރާތެއްގެ ބައެއްގެ ގޮތުގައި ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ސެމްސަންގުން ބުނާ ގޮތުގައި މި އާ ޑިޒައިންގެ ސަބަބުން ކޮޓަރީގެ ޖާގަ ބޮޑުކޮށް ދައްކައިދިނުމުގެ އިތުރުން އާޓް ގެލެރީއެއް ފަދަ ރީތިކަމެއް ގެނެސްދެއެވެ.

މި ޓީވީގައި ހިމަނާފައިވާ "އިކްލިޕްސާ އޯޑިއޯ" ސިސްޓަމަކީ ސްޕީކަރުތައް ޓީވީގެ ފްރޭމްގެ ތެރޭގައި ހިމަނައިގެން، އަޑު އިވޭނީ ސީދާ ސްކްރީނުގައި ހިނގާ މަންޒަރުތަކާ އެކުވެގެން އަންނަ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. މީގެ ސަބަބުން ބަލާ މީހާއަށް މަންޒަރާއި އަޑުގެ ފުރިހަމަ ގުޅުމެއް އިހުސާސްކުރެވޭނެއެވެ.

މިޓީވީގައިވަނީ "ގްލެއާ-ފްރީ" ކޯޓިންއެއް ބޭނުންކޮށްފައި ---

ޓީވީގެ ހާޑްވެއާ ބަޔަށް ބަލާއިރު، މިއީ "މައިކްރޯ އާރްޖީބީ އޭއައި އިންޖީން ޕްރޯ"އިން ބާރު ލިބޭ ޓީވީއެކެވެ. މީގެ އިތުރުން ބީޓީ.2020 ކަލާ ގޭމަޓް 100 އިންސައްތަ ފޯރުކޮށްދިނުމާއި، މަންޒަރުގެ އަލިގަދަ އަދި އަނދިރި ތަންތަނުގެ ތަފުސީލު ސާފުކޮށްދޭ "އެޗްޑީއާރް ޕްރޯ" ޓެކްނޮލޮޖީ ވެސް މީގައި ހިމެނެއެވެ.

ސްކްރީނުން ފެންނަ މަންޒަރުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި ސެމްސަންގުން ވަނީ ބޭރުގެ އަލިއެޅުމުން ސްކްރީނުން ރިފްލެކްޝަން ނުދައްކާނެ ފަދަ "ގްލެއާ-ފްރީ" ކޯޓިންއެއް ބޭނުންކޮށްފައެވެ. އަދި، މި ޓީވީއަކީ ސެމްސަންގުން އަލަށް ތައާރަފުކުރި "އެޗްޑީއާރު10+ އެޑްވާންސްޑް" ސަޕޯޓްކުރާ ޓީވީއެއް ވެސް މެއެވެ.

މި އުފެއްދުމުގައި ހިމޭނޭ "ވިޝަން އޭއައި ކޮމްޕޭނިއަން" މެދުވެރިކޮށް ވާހަކަދައްކައިގެން ކަންކަން ހޯދުމާއި، މައިކްރޮސޮފްޓް ކޯޕައިލެޓް އަދި ޕާޕްލެކްސިޓީ ފަދަ އޭއައި ވަސީލަތްތައް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ލައިވް ޓްރާންސްލޭޝަންއާއި، އޭއައި ފުޓްބޯޅަ މޯޑް ފަދަ ޒަމާނީ ފީޗާސްތައް ވެސް ސޮފްޓްވެއާގައި ހިމެނެއެވެ.

ސެމްސަންގުން މި ޓީވީ ދައްކާލާފައިވަނީ ސީއީއެސް 2026 ގެ އެގްޒިބިޝަން ޒޯންގައެވެ. ނަމަވެސް، "އާރް95އެޗް" މޮޑެލްގެ މި ޓީވީގެ އަގާއި، ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް