ސެމްސަންގެ "ގެލެކްސީ އޭއައި" ޑިވައިސްތަކުގެ އަދަދު މި އަހަރު ދެގުނަކުރަނީ

ސެމްސަންގުން ބޭނުންވަނީ އެޕަލް އާއި ޗައިނާގެ ވާދަވެރި ކުންފުނިތަކުގެ މައްޗަށް ކުރިހޯދައި، ސްމާޓްފޯން މާކެޓްގެ ރަސްކަން އަލުން ހޯދުން --

ސެމްސަންގް އިލެކްޓްރޯނިކްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތައް ހިމެނޭ "ގެލެކްސީ އޭއައި" ޑިވައިސްތަކުގެ އަދަދު މި އަހަރުގެ ތެރޭގައި ދެގުނަ ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލްގެ އެހީގައި މަސައްކަތްކުރާ މި ފީޗާތަކާއެކު، ދުނިޔޭގެ އޭއައި ރޭހުގައި ކުރިހޯދުމަށް ސެމްސަންގުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ސެމްސަންގްގެ ކޯ-ސީއީއޯ ޓީއެމް ރޯ ރޮއިޓާސްއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް އޭއައި ފީޗާތައް ހިމެނޭ 400 މިލިއަން ޑިވައިސް (ސްމާޓްފޯނާއި ޓެބްލެޓް ހިމެނޭހެން) ބާޒާރަށް ނެރެފައިވާ ކަމަށެވެ. އަދި 2026 ވަނަ އަހަރު ނިމެންވާއިރަށް މި އަދަދު 800 މިލިއަނަށް އިތުރުކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/215958

"އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ އުފެއްދުންތަކަކަށާއި، ހުރިހާ ފަންކްޝަންތަކަކަށް އަދި ހުރިހާ ޚިދުމަތްތަކަކަށް ވީހާވެސް އަވަހަކަށް އޭއައި ތައާރަފްކުރުން،" ޓީއެމް ރޯ ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ގޫގުލްއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަބަބަކީ ގޫގުލްއަކީ އޯޕަން އޭއައި ފަދަ ކުންފުނިތަކާ ވާދަކޮށް، ގިނަ ބަޔަކު އެ ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކުރުވުމަށް މަސައްކަތްކުރާ ކުންފުންޏަކަށް ވާތީއެވެ.

ސެމްސަންގުން ބޭނުންވަނީ އެޕަލް އާއި ޗައިނާގެ ވާދަވެރި ކުންފުނިތަކުގެ މައްޗަށް ކުރިހޯދައި، ސްމާޓްފޯން މާކެޓްގެ ރަސްކަން އަލުން ހޯދުމަށެވެ.

އޭއައި ފީޗާތަކުގެ ތެރެއިން އެންމެ ގިނައިން މީހުން ބޭނުންކުރަނީ ސާޗް ކުރުމުގެ ފީޗާ ކަމަށާއި، އޭގެ އިތުރުން ފޮޓޯ އެޑިޓް ކުރުމާއި، ލިޔުންތައް ޚުލާސާކުރުމާއި، ތަރުޖަމާ ކުރުން ފަދަ ކަންކަމަށް ވެސް އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ރޯ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި މެމޮރީ ޗިޕް ލިބުން ދަތިވުމުގެ ސަބަބުން އުފެއްދުންތަކުގެ އަގު ބޮޑުވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ މުޅި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް. އޭގެ އަސަރު ފޯނުތަކުގެ އިތުރުން ޓީވީ އާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް ވެސް ކުރާނެ،" ރޯ ވިދާޅުވިއެވެ.

ފޯލްޑަބަލް (ފަތްޖަހާލެވޭ) ފޯނުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ މާކެޓް ކުރިއަރަމުންދަނީ އުންމީދު ކުރި ވަރަށް ވުރެ ލަހުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ފޯލްޑަބަލް ފޯނުތަކަކީ އާންމު އެއްޗަކަށް ވާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ސެމްސަންގްގެ މި އާ ޕްލޭންތަކާއެކު، އެ ކުންފުނީގެ ހިއްސާގެ އަގު ހޯމަ ދުވަހު ވަނީ 7.5 އިންސައްތަ މައްޗަށް ގޮސްފައެވެ. ސެމްސަންގުން އަންނަނީ ނޮޓާ އޭއައި ފަދަ ކުންފުނިތަކާ ގުޅިގެން އެގްޒިނޯސް ޗިޕްތަކުގައި އޭއައި ހިމެނުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް