ކުޅުންތެރިންގެ ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި އެމެރިކާގެ ލޮސް އެންޖެލެސް (އެލްއޭ) އެފްސީގައި މަޑުކުރުމަށް އިޓަލީ ލެޖެންޑް ޖިއޯޖިއޯ ކިއެލީނީ ނިންމައިފިއެވެ.
އުމުރުން 39 އަހަރުގައި މިދިޔަ މަހު ކިއެލީނީ ވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކޮށްފައެވެ. އޭނާ ރިޓަޔާމަންޓް އިއުލާންކޮށްފައިވަނީ އެލްއޭއެފްސީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.
އެލްއޭއެފްސީގެ ރައީސް އަދި ޖެނެރަލް މެނޭޖަރު ޖޯން ތޮރިންގްޓަން، އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ކިއެލީނީ އެ ކްލަބުގައި ކުޅުންތެރިއެއްގެ ގޮތުގައި 18 މަސް ދުވަސް ހޭދަކުރުމުން އެކަމާ އުފާކުރާ ކަމަށާއި އޭނާއަށް އެކި ގޮތްގޮތުން ކްލަބަށް ފައިދާތަކެއް ހޯދައިދެވިދާނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
"ކިއެލީނީއަކީ ފުޓުބޯޅައިގައި ވަރަށް ވިސްނުން ތޫނު މީހެއް. އަދި އޭނާއަކީ ލީޑަރެއް. އެހެންކަމުން ކްލަބުގެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް ކޯޗަކަށް ވާނީ ހަމަޖައްސައިފައި،" ތޮރިންގްޓަން ވިދާޅުވިއެވެ.
އެލްއޭއެފްސީއާ ގުޅުމުގެ ކުރިން ދިގު މުއްދަތަކަށް ޔުވެންޓަސްއަށް ކުޅުނު ކިއެލީނީ ވަނީ އެ ކްލަބާއެކު ނުވަ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ. އިޓަލީން 2020ގެ ޔޫރޯ ކާމިޔާބުކުރީ ކިއެލީނީގެ ކެޕްޓަންކަމުގެ ދަށުންނެވެ.
އެލްއޭއެފްސީއާ 2022 ވަނަ އަހަރު ގުޅުނު ކިއެލީނީ ވަނީ ފުރަތަމަ އަހަރު ވެސް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފައެވެ.