ދިވެހި ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެ މަގުބޫލު އެއް ބަތަލު ކަމަށްވާ އަލީ ސީޒަން، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ބޮޑު މަގާމަކަށް އައްޔަނު ކޮށްފިއެވެ.
ހައި ކޮމިޝަންގެ މަގާމަކަށް އައްޔަނު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިގެން ގޮސްފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިނުލާން ނިންމި ފަހުންނެވެ.
އެނގިފައިވާ ގޮތުގައި ސީޒަން ދާދި ފަހުން އައްޔަނު ކޮށްފައިވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ ކޮން ދުވަހު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި މަގާމަށް އައްޔަނު ކުރިއިރު ސީޒަން އެންމެ ބޮޑު ޚަބަރެއް ދީފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުގައެވެ. ރިޔާސީ އިންތިޚާބު ނިމުމާ އެކު އޭނާ އިއުލާނު ކޮށްފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީއިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ވަކި މުއްދަތެއް ނޭނގޭ ގޮތަށް ބްރޭކެއް ނެގީ އިންޑަސްޓްރީގެ ހުރިހާ ކަމަކުން އެއް ފަރާތް ވަމުންނެވެ.
އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ސީޒަން އިއުލާނު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން އުޅޭ ކަމެވެ. އަދި އޭނާ ކުރިމަތި ލާން ނިންމާފައިވަނީ ތުލުސްދޫ ދާއިރާއަށް ކަމަށް އަންގައި ކެމްޕެއިން މަސައްކަތް ފަށަން އިއުލާނު ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް އަނެއްކާ ޑިސެމްބަރު މަހުގެ ތެރޭގައި އިވިގެން ދިޔައީ މަޖިލީހަށް ކުރިމަތި ނުލާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ގޮތަށް ނިންމާފައިވާ ސަބަބެއް އޭނާ އޭރު ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަޖިލީހަށް ކުރިމަތި ނުލާން ނިންމީ ހައި ކޮމިޝަނުން މަގާމެއް ލިބެން އުޅޭތީއެވެ.