ކުރީގެ ސިއްހީ ޚިދުމަތްތެރިންނަށް ވަޒީފާ ދޭ އުސޫލު އިފްތިތާހުކޮށްފި

ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ ޚާއްޞަ އުޞޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އިފުތިތާޙުކޮށްދެއްވަނީ --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އެކި ސަބަބުތަކާއި ގުޅިގެން ސިއްޙީ ދާއިރާއިން ދުރުވެފައިވާ ޚިދުމަތްތެރިންނަށް އަލުން ވަޒީފާ ދިނުމުގެ ޚާއްސަ އުސޫލު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިފުތިތާޙު ކޮށްދެއްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާހުކުރި އެ އުސޫލަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އަދި ހަފުތާ 14 ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.

މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އެގޮތުން، އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން "ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

އަދި، ބޭނުންވާ ފަރާތްތަކަށް 'ފްލެކްސިބަލް ވޯކިން އަވާޒް' ތައާރަފުކޮށް އަށް ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ހަމަޖެހިފައިވެއެވެ.

ސިއްހީ ދާއިރާއިން ދުރުވެފައި ތިބި މީހުންނަށް އަލުން ވަޒީފާ ދިނުމުގެ ހާއްސަ އުސޫލު އިފުތިތާހުކުރަން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، ޤައުމަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ދޮރު އަބަދު ވެސް ހުޅުވައިފައި އޮންނާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ.

"ރައީސް އަބަދު ވެސް ދެކެވަޑައިގަންނަވަނީ މި ކަހަލަ މަސައްކަތްތަކެއްގެ ތެރެއިން އެއްކަމަކަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުން، ޤައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދިނުން، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކޮށްދިނުން، މިކަންކަން ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާ އެކު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާގެ އިތުރުން، އެހެން ދާއިރާތަކުން ވެސް އެކިއެކި ސަބަބުތަކަށްޓަކައި ދުރުވެފައިވާ ހިދުމަތްތެރީން އަނބުރާ ހިދުމަތަށް ނެރެވޭނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނައިބު ރައީސް ޙުސައިން އެ އުސޫލު އިފުތިތާޙު ކޮށްދެއްވުމާ އެކީ، އުސޫލު ވަނީ ގެޒެޓުކުރެވިފައެވެ.

comment ކޮމެންޓް