ރޮނާލްޑޯ ފަހަތަށް ޖައްސާލައި، އޭޝިއާގެ މޮޅު ކުޅުންތެރިޔަކަށް ސޮން

އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ސޮން ހިއުން މިން -- ފޮޓޯ/ ގެޓީ

ސައުދީ އަރަބިއާގެ އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު, އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ނުވަވަނަ ފަހަރަށް ދެކުނު ކޮރެއާގެ ތަރި ސޮން ހިއުން މިން ހޯދައިފިއެވެ.

އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދުމުގެ ފުރުސަތު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އޭޝިއާގެ ކްލަބުތަކަށް ކުޅޭ އެހެން ސަރަހައްދުތަކުގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ވެސް އޮވެއެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން ސޮން މިފަހަރުގެ އެވޯޑު ހޯދީ ގައުމީ ޓީމަށް އޭނާއާއެކު ކުޅޭ ބަޔާން މިއުނިކްގެ ޑިފެންޑަރު ކިމް މިން ޖޭ އަދި ރޮނާލްޑޯއާ ވާދަކޮށްގެންނެވެ. އުމުރުން 31 އަހަރުގެ ސޮންއަށް 22.9 ޕަސަންޓު ވޯޓު ލިބުނު އިރު، ކިމްއަށް ލިބިފައިވަނީ 19.54 ޕަސަންޓުގެ ވޯޓެވެ. އަދި ރޮނާލްޑޯއަށް ލިބުނީ 17.06 ޕަސަންޓުގެ ވޯޓެވެ.

ޓޮޓެންހަމް ސަޕޯޓަރުންގެ ފޭވަރިޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެ ކްލަބުގެ ކެޕްޓަން ސޮން، އެ އެވޯޑު ހޯދި މިއީ ނުވަވަނަ ފަހަރެވެ. އަދި މިއީ އޭނާ ޖެހިޖެހިގެން އެ އެވޯޑު ހޯދި ހަތްވަނަ ފަހަރެވެ.

ރޮނާލްޑޯއަށް އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައިނުވި ނަމަވެސް، އޭނާ ވަނީ އަލް ނަސްރާއެކު ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ރޮނާލްޑޯ ވަނީ މިދިޔަ އަހަރު ޖުމުލަ 53 ގޯލު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް