ފީފާގެ ދަ ބެސްޓް އެވޯޑު ވެސް މެސީއަށް

މެސީ، ވޯލްޑް ކަޕްގެ މެޗެއްގައި އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑު ވެސް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހޯދައިފިއެވެ.

ފީފާގެ "ދަ ބެސްޓް" އެވޯޑު މެސީއަށް ލިބުނުކަން އިއުލާންކޮށްފައިވަނީ އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔަކީ ވެސް މެސީއެވެ. އޭނާ ވަނީ މިއަހަރުގެ އެވޯޑުގެ އިތުރުން 2019 އަދި 2022ގެ ދަ ބެސްޓް އެވޯޑު ވެސް ހޯދައިފައެވެ.

މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑު ހޯދި މެސީ، ދަ ބެސްޓް އެވޯޑު ވެސް ހޯދީ މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މެސީ ވަނީ އަށް ފަހަރެއްގެ މަތިން ބެލޮންޑިއޯ އެވޯޑު ހޯދައިފައެވެ.

ލަންޑަންގައި ބޭއްވި ދަ ބެސްޓް އެވޯޑު ރަސްމިއްޔާތުގައި މެސީގެ އިތުރުން އެމްބާޕޭ އާއި ހާލަންޑް ވެސް ބައިވެރިވެފައެއް ނުވެއެވެ. މެސީ މިވަގުތު ހުރީ އިންޓަ މަޔާމީގެ ތަމްރީނުތަކުގައި އެމެރިކާގެ މަޔާމީގައެވެ.

އެމެރިކާގެ ލީގު ފެށުމުގެ ކުރިން އިންޓަ މަޔާމީއާއެކު މެސީ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް