މާ ބޮޑަށް ބަލިވެގެން، އިންޑިއާ ދަތުރުހެދީ ބޭސް ފަރުވާއަށެވެ. އެއްވެސް ހާލެއްގައި މާ ދުރު ހިސާބެއްގައި ކުރާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވެ، އެ މީހުންގެ ވަޒަންތަކުގެ ނާމާންކަން ތެރޭގައި ދުވަސްތައް ހޭދަކުރަން އެދިގެނެއް ނޫނެވެ.
އެކަމަކު، ދަރީންނާއި އަނބި މީހާއަށް އޮޅުވާލައިގެން ފިރިމީހާ، މުޅި އާއިލާ ގޮވައިގެން އިންޑިއާ މަގުން ދިޔައީ ސީރިއާއަށެވެ.
އެ ތަނުގައި އޮތީ ހަނގުރާމައެވެ. އިވެނީ ވަޒަން ގޮއްވާ އަޑެވެ. ވަށައިގެން އޮތީ ނާމާންކަމާއި ބިރުވެރިކަމެވެ. ރާއްޖޭގެ ހަމަހިމޭން ޖައްވާއި، ސާފުވަޔާއި ގޮނޑުދޮށަށް ރާޅު ބީހިލާ ޖާދުވީ އަޑު ދޫކޮށްފައި އެ މީހުން ދިޔައީ ރުހުމެއްގައެއް ނޫނެވެ. ފިރިމީހާގެ ނުފޫޒުންނެވެ. އެ މީހާގެ ބޮލަށް ވަތް ހިޔާލެއްގައި އެ ބާރުވެރިކަމުގައި ޖެހިގެންނެވެ.
"މި ފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްފައި، ދެން ފިލައިގެން ދިޔަ މީހުން،" ސީރިއާގައި ތިބި ފަސް އާއިލާއެއްގެ 21 މީހުން އަނބުރާ ގައުމަށް ގެނައިކަން އިއުލާނުކުރަން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވިއެވެ.
މިއަދު އަނބުރާ ގައުމަށް ގެނެސްފައިވަނީ ދިވެހީންކަން ކަށަވަރުކުރެވިފައި ތިބި 21 މީހުންނެވެ. އޭގެ ތެރެއިން 15 ކުދިންނަކީ ކުޑަކުދިން ކަމަށާއި ބާކީ ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެ 15 ކުޑަކުދިންނަކީ އެ ފަސް އަންހެނުންގެ ދަރިންނެވެ.
"އޭގެ ތެރޭގައި އުމުރުން ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެއީ، ހަނގުރާމައިގެ ޖަށްވަށް އުފަންވި ތުއްތު ކުދީންނެވެ. ކުށެއް ނެތް ބައެކެވެ. އެ މީހުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެއީ، ޔަަގީނަށް ވެސް ދިވެހީންކަން ކަށަވަރުކޮށް، އަނބުރާ ގައުމަށް ގެންނަން ސަރުކާރުން ހޭދައެއް ވެސް ކުރަން ޖެހެއެވެ.
"މިއަދު މި ގެނެވުނު އެންމެންނަކީ ވެސް ގައުމަށް އަންނަން ބޭނުންވެފައި ތިބި މީހުން، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ އިންތިޒާރަކަށް ފަހު އެ މީހުންނަށް އެ އާދެވުނީ،" އިހުސާން ވިދާޅުވިއެވެ.
އެ މީހުންގެ ދިގު އިންތިޒާރަށް ނިމުން އައިސް މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓު ޖެއްސީ މިއަދު ފަތިހު 5:02 ގައެވެ. އެ މީހުން ދެން ގެންދާނީ، ކ. ހިންމަފުށީގައި ހުންނަ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށެވެ. އެ ތަނުގައި އެ މީހުން އަނބުރާ މުޖުތަމައަށް ނެރެން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެއެވެ. އެ މީހުން ރިހެބްލިޓޭޓުވެ، އަނބުރާ މުޖުތަމައަށް ނުކުމެވެންދެން އެ ތަނުގައި ދިރިއުޅެވޭނެ އިންތިޒާމު އެބަހުއްޓެވެ. އެ ތަނުގައި 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާނެއެވެ.
"އެ ތަނަށް މި ދެވުނީކީ ސީދާ އެ ތަނަށް ދާން ގަސްތަކު ނޫން. އެހެންވީމާ، ހާއްސަކޮށް ތުއްތު ކުދިންނާއި އަންހެން ބޭފުޅުން، މި ފަހަރު ގެނެވުނު ބޭފުޅުން އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ވިކްޓިމްސްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
"އެ ތަނަށް ދެވުނު ހިސާބުން، މި ދެވެނީ މި ތަނަށްކަން އިހުސާސްވި ހިސާބުން ފެށިގެން ރާއްޖެ އެނބުރި އަންނަން ބޭނުންވެފައި ތިބި މީހުން މީގެ ތެރޭގައި ތިބީ،"
މިއަދު ގެނެވުނު 21 މީހުންގެ އިތުރުން ވެސް އަދިވެސް 90 އަށް ވުރެ ގިނަ މީހުންގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި އެނބުރި އަންނަން ބޭނުންވެފައި އެބަތިއްބެވެ. އެ މީހުންނަކީ ދިވެހީންކަން ކަށަވަރުކޮށް، އެ މީހުން ވީ އެންމެ އަވަހަކަށް ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މިނިސްޓަރު ވަނީ އެ މީހުންގެ ފަރާތުން ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނުވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
މިނިސްޓަރު އެދިވަޑައިގަތީ، އެފަދަ ހަރުކަށި ހިޔާލުތައް ގެންގުޅޭ އާއިލާތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރާނަމަ، ހަގީގަތުގައި ވެސް އެ ދަނީ އެ ބުނާ ސަބަބަކަށްތޯ ކަށަވަރު ކުރުމަށެވެ. އެ ފަދަ އާއިލާތައް ހަނގުރާމައަށް ދިއުމުގެ ކުރީގައި ހުއްޓުވައި ރިހެބްލިޓޭޓު ކުރުމުގައި ގާނޫނީ ހުރަސްތަކެއް ވެސް ހުރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ހަނގުރާމައަށް ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ އަތުލައިގަންނަ މީހާ ވެސް ރިހެބްލިޓޭޓުކުރަން ހިންމަފުށީގައި ހުންނަ މަރުކަޒަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ. ގާނޫނު ބުނާ ގޮތުން އެ ޕްރޮގްރާމްގައި ބައިވެރިކުރެވެނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުން ގެންނަ މީހުންނެވެ. އެ ނިޔަތުގައި ފުރަން ގޮސް ހުއްޓައި އަތުލައިގަންނަ މީހާ ވެސް އިސްތިސްނާއެވެ.
އެހެންވެ، ގާނޫނުގައި ހުރި އެފަދަ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ އަރުވައިފައެވެ.