ތިން ހަފުތާގެ ތެރޭގައި ޕައިލެޓްކޮަށް ގައުމިއްޔަތު ކިޔަވައިދޭން ފަށާނެ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: ތިން ހަފްތާގެ ތެރޭގައި ޕައިލެޓްކޮަށް ގައުމިއްޔަތު ކިޔަވާދޭން ފަށާނެ -- ފޮޓޯ/ އެޑިއުކޭޝަން

ތިން ހަފުތާގެ ތެރޭގައި ޕައިލެޓްކޮށް ގްރޭޑް ހަތަރެއްގެ ދަރިވަރުންނަށް ގައުމިއްޔަތު ކިޔަވައިދޭން ފަށާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ، މި މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާ ކަމަށެވެ.

ގައުމިއްޔަތު މާއްދާ ޕައިލެޓްކޮށް ކިޔަވައިދިނުމަށް ކޮންޓެންޓް މިހާރު ވަނީ ތައްޔާރުކޮށްފައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެހެންކަމުން، ޕައިލެޓް ކުރުމުގެ މަސައްކަތް ތިން ހަފުތާ ދުވަހުގެ ތެރޭގައި އެންމެ ލަސްވެގެން ގްރޭޑް ހަތަރެއްގައި، ކުރިއަށްދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

''ކަރިކިއުލަމްގައި އެކިއެކި މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތުގެ ބަހާތަކާއި ސިފަތަކާއި ގައުމިއްޔަތުގެ އެކި ކަންކަން ހުރި މިންވަރު މިހާރު ދެނެގަނެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، ގައުމިއްޔަތުގެ އެކިއެކި ބަހާތަކާއި މުހިއްމު ސިފަތައް އެހެން މާއްދާތަކުގެ ތެރެއިން މިހާރު ވެސް ގައުމިއްޔަތު ކިޔަވައިދިނުން ކުރިއަށް ގެންދެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ޓީޗަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. ޚާއްސަކޮށް، ދިވެހި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުންގެ އަދަދު މަދުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، ޚާއްސަކޮށް އޯލެވެލް އޭލެވެލް ނިންމައި ދަރިވަރުންނަށް އަމާޒުކޮށް ގައުމީ ފެންވަރުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، މި ޕްރޮގްރާމްގެ ތެރެއިން އެކަށީގެންވާ ޓީޗަރުން ތަމްރީނު ކުރެވި ރާއްޖެއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް ކޮންމެ ވެސް ހައްލެއް ލިބޭނެކަަމަށް އެނާ ވިދާޅުވިއެވެ.

comment ކޮމެންޓް