މަންމައަކު ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުޑަ ކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރާ މައްސަލައެއް ސޯޝަލް މީޑިއާއަށް ތިލަވެ، ޖެންޑާ މިނިސްޓްރީން މިއަދު އެ މައްސަލަ ބަލަން ފަށައިފިއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނީ ރޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާއަށް ކާންދޭން އެ ކުއްޖާގެ މަންމަ އިންއިރު، އެ ކުއްޖާއާ ދިމައިލަށް ބާރަށް ހަޅޭއްލަވާ އަނިޔާ ކުރެއެވެ. އަދި، ކުއްޖާ ހިފައިގެން އިން ފޯނު ކުއްޖާ އަތުން އަތުލާ އެއްލައިލައެވެ. މި ވީޑިއޯގައި ކުއްޖާ ރޯއަޑު އިވެއެވެ.

ވީޑިއޯ ހިއްސާކުރި މީހާ ލިޔެފައިވާގޮތުން، އެ ކުއްޖާގެ މަންމަ ކުއްޖާ ގެންގުޅެނީ ބައްޕައާ ފޮރުވައިގެންނެވެ. އަދި، އެ ކުއްޖާ ސްކޫލަށް ވެސް ނުގެންގޮސް ކުއްޖާއަށް ވަނީ އިހުމާލުވެފައެވެ. ވީޑިއޯ ހިއްސާކުރި މީހާ ލިޔެފައިވާ ގޮތުގައި ކުއްޖާއަށް އެ ކުއްޖާގެ މަންމަ އަނިޔާކުރާކަމަށް ކުއްޖާ ވަނީ ބުނެފައެވެ.

އެ މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ މިއަދު ވިދާޅުވީ، މިފަދަ މައްސަލަތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރަން އެދޭކަމަށެވެ. އޭގެ ބަދަލުގައި ކުއްޖާގެ ކަރާމާތްތެރިކަން ރައްކާތެރިކޮށް، މިނިސްޓްރީއަށް ގުޅާ މައްސަލަ ހުށަހެޅުމަށް އޭނާ ވަނީ އެދިފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށަހެޅުމުން ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މައްސަލަ ބަލާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 131 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް