ޤަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ގްރޫޕް އީގައި ދެކުނު ކޮރެއާއިން ބަހްރެއިންގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޖާސިމް ބިން ހަމާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ދެކުނު ކޮރެއާއިން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހައި މިމެޗުގެ ލީޑު ނަގައިފާވަނީ ދެކުނު ކޮރެއާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުވާން އިން ބެއޮންއެވެ. މެޗުގައި ބަހްރެއިނުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަބްދުﷲ އަލް ހަޝާޝެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ދެކުނު ކޮރެއާއިން ވަނީ ލީ ކާންގް އިން ޖަހައިދިން ލަނޑުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފައެވެ. މެޗުގައި ދެކުނު ކޮރެއާގެ ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ލީއެވެ.
މި ނަތީޖާއާ އެކު ކޮރެއާއިން ވަނީ މި ފަހަރުގެ އޭޝިއަން ކަޕްގެ ފެށުން ރަނގަޅު ކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ޑީގައި އިރާގާއި އިންޑޮނޭޝިއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށް އިރާގުން ވެސް ވަނީ ފެށުން ރަނގަޅުކޮށްފައެވެ. މެޗުގައި އިރާގުގެ ލަނޑުތަށް ޖަހައިދީފައިވަނީ މޮހަނަދު އަލީއާއި އޮސާމާ ރާޝިދު އަދި އައިމެން ހުސެއިނެވެ. މެޗުގައި އިންޑޮނޭޝިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މާސެލީނޯ ފާޑިނާންއެވެ.
ގްރޫޕް ޑީގައި ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު އިރާގުގެ އިތުރުން ޖަޕާނުން ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އިންޑޮނޭޝިއާގެ އިތުރުން ވިއެޓްނާމުން ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.