ރައީސްގެ ތަސައްވުރަކީ ކާގޯ ކެޕޭސިޓީ ތިން ލައްކަ ޓަނަށް އިތުރު ކުރުން: ސައީދު

އާ ކާގޯ ޓާމިނަލް ރައީސް ބައްލަވައިލައްވަނީ: ރައީސްގެ ތަސައްވުރަކީ ޓާމިނަލްގެ ކެޕޭސިޓީ ތިން ލައްކައަށް އިތުރު ކުރުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހުޅުވި ކާގޯ ޓާމިނަލުގެ ކެޕޭސިޓީ ތިން ލައްކަ ޓަނަށް އިތުރު ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވީއައީގެ ކާގޯ ޓާމިނަލްއިން ކުރިން 50،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭއިރު އާ ޓާމިނަލުން 120،000 ޓަނުގެ ކާގޯ ހޭންޑަލް ކުރެވޭނެއެވެ.

އެ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރައީސްގެ ތަސައްވުރަކީ ޓާމިނަލްގެ ޖާގަ މިހާރަށް ވުރެ ވެސް ބޮޑުކުރުން ކަމަށެވެ. އެއީ ހަމައެކަނި ޖާގައިގެ ގޮތުން ނޫން ކަމަށާއި އެތަނަށް އެއާ ކާގޯ އަންނާނެ ގޮތް ފަހި ކުރުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކާގޯ ކެޕޭސިޓީ އިތުރުކުރުމަކީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓަށް ވެސް ހައްލު ލިބޭނެ ކަމެއް ކަމަށެވެ.

ކާގޯ ޓާމިނަލް ބޮޑު ކުރުމަށް ފަހު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް އެތަން ބައްލަވައިލައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"ކާގޯ ފެސިލިޓީއެއް 300000 މެޓްރިކް ޓަނަށް ބޮޑު ކުރެވޭ ބޮޑު ކުރެވުމަކީ ރާއްޖޭގައި އޮންނަ ޓްރޭޑް ޑެފިސިޓް، ޓްރޭޑް އިމްބެލެންސް 3.84 މިލިއަން ރުފިޔާގެ އިމްޕޯޓު އަދި 300 މިލިއަން ރުފިޔާގެ އެކްސްޕޯޓުގެ މިއޮތް ބޮޑު ގެޕަށް ޓްރޭޑް ޑެފިސިޓަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ނިންމޭނެ އެންމެ ޕްރެކްޓިކަލް އަދި އެންމެ ވިޝަނަރީ ނިންމުން ކަމުގައި އަޅުގަނޑު ފާހަގަ ކުރަން،" އޭނާ ވިދާޅުވިއެވެ.

ޖާގަ ބޮޑު ކުރުމަށް ފަހު ހުޅުވި މި ކާގޯ ޓާމިނަލް ކުރީގެ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ވާނެއެވެ. އަދި މި ބަދަލާއެކު މުދަލުގެ ރައްކާތެރިކަން ގާއިމުކުރެވި، އެއްފަހަރާ ޚިދުމަތް ފޯރުކޮށްދެވޭ މިންވަރުވެސް ތިން ގުނައަށް އިތުރުވާނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް