ވިއްސާރައިގައި އަތޮޅު ތެރެއަށް އެއް މިލިއަން ރުފިޔާގެ ގެއްލުންވި

ވިއްސާރައިގައި ފެން ބޮޑުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުޙައްމަދު މާވީ

މިދިޔަ މަހު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ނުވަ ރަށަކަށް 1.64 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިއްސާރައިގައި ގެތަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައިވަނީ، ބ. ގޮއިދޫ، ލ. ގަން، ލ. މާމެންދޫ، ޅ. ހިންނަަވަރު، ސ. މަރަދޫ، ސ. ފޭދޫ، ޏ. ފުވަމުއްލަށް، ކ. ގުރައިދޫ އަދި ކ. ހިންމަފުށިން ކަމަށެވެ. އަދި، ވިއްސާރައިގައި ގެއްލުންވި ނުވަ ރަށުގެ ޖުމުލަ 103 ގެއެއްގެ އެސެސްމެންޓް މިހާރު ހަދައި ނިމިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އޭގެ ތެރެއިން ޖަރޫރީ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުނު 90 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި، އިމާރާތަށް އެކި ވަރުގެ ގެއްލުން ލިބުން 21 ގެއަކަށް އެހީތެރިވެ ދިން ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން، ކާރިސާތަކުގައި އިންސާނީ އެހީދިނުމަށް އަމަލުކުރާ މިންގަނޑުގެ ތެރެއިން އެހީ ފޯރުކޮށްދެވެނީ ޖުމުލަ 90 ގެއަކަށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެގޮތުން، އެސެސްމެންޓް ހެދުނު ގެތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރޮކޮށްދިނުމުގެ އުސޫލުގެ ތެރެއިން 473،349 ރުފިޔާގެ އެހީ ފޯރުކޮށްދޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެއީ، ޒަރޫރީ ހިފާގެންއުޅޭ ތަކެއްޗަށް ޖުމުލަ ގެއްލުމުގެ 20 ޕަސެންޓަށްވާ 294،824 ރުފިޔާ އާއި ސްކްރަކްޗަރަލް ގެއްލުންތަަކަށް 182،525 ރުފިޔާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިފަހުން ރާއްޖެއަށް މި ކުރާ ވިއްސާރައިގައި އަތޮޅުތެރޭގެ ރަށްތަކުގެ އިތުރުން، މާލެ ސަރަހައްދަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ލިބުނެވެ.

އިއްޔެ އެންޑީއެމްއޭއިން ވަނީ، މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރައިގައި މާލޭއިން ގެއްލުން ލިބުނު ގެތަކަށް ވެސް ހަތް ލައްކަ ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.

https://sun.mv/187373

އޭގެ ކުރިން، މިދިޔަ މަހުގެ 31ގައި ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން 70 ގެއަކަށް ގެއްލުންވި ކަމަށާއި ގެއްލުންތައް ފޫބެއްދުމަށް އެހީގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މީގެ ކުރިން އެންޑީއެމްއޭއިން ބުނެފައިވެއެވެ.

comment ކޮމެންޓް