ވިނީޝިއަސްގެ ހެޓްރިކާ އެކު ރެއާލުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރުން -- ފޮޓޯ/ ޗެނެލްސް ޓެލެވިޜަން

ސްޕެނިޝް ސުޕާ ކަޕްގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ރެއާލުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ރޭ ކުޅުނު ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ބަލިކުރުމަށް ފަހުއެވެ. ސައުދީ އަރަބިއާގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 4-1 އިންނެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ރެއާލުން އުފެއްދި ކައުންޓާ އެޓޭކެއްގައި ވަނީ ބާސާގެ ޑިފެންސް ފޫއަޅުވާލައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިނިޝިއަސް ޖޫނިއާއެވެ. މި ލަނޑު ޖެހުމަށް ފަހު ވިނީޝިއަސް ވަނީ ރެއާލްގެ ކުރީގެ ތަރި އަދި މިހާރު ސައުދީ ޕްރޯ ލީގުގައި ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯ އާންމުކޮށް ލަނޑު ޖެހުމަށް ފަހު ކުރާ ސެލެބްރޭޝަން ކޮށްފައެވެ. މެޗު ކުޅެފައިވަނީ ރޮނާލްޑޯ މިހާރު ކުޅެމުންދާ އަލް ނަސްރުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައިކަމުން މިއީ އޭނާއަށް އިޚުތިރާމު އަދާކުރުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ވިނީޝިއަސް ހާމަކުރިއެވެ.

އޭގެ ތިން މިނެޓު ފަހުން ވީނިޝިއަސް ވަނީ މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ލަނޑާ އެކު ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ބާސާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މި ލަނޑާ އެކު ބާސާގެ ކުޅުން ރަނގަޅުވާނެ ކަމަށް ހީވި ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިނީޝިއަސް ޖޫނިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އޭނާ ރެއާލަށް ކާމިޔާބު ކޮށްދިން ދެވަނަ ހެޓްރިކެވެ.

މެޗުގައި ރެއާލްގެ ފަހު ލަނޑު މެޗުގެ 64 ވަަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ. މެޗުގައި ބާސާއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެ ޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ މެޗުގެ 71 ވަނަ މިނެޓުގައި ރޮނާލްޑް އަރައުހޯއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކުމުންނެވެ.

މި ނަތީޖާއާ އެކު ރެއާލް މިހާރު ވަނީ ސްޕެނިޝް ސުޕާ ކަޕް 13 ފަހަރު ކާމިޔަބު ކޮށްފައެވެ. ބާސާއިން މި މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.

މެޗަށް ފަހު ބާސާގެ ކޯޗު ޒާވީ ހެނާޏްޑޭޒް ބުނީ، މިފަދަ މެޗެއްގައި ފެންނަންވާ ފަދަ ކުޅުމަކާ ގާތަށް ވެސް އޭނާގެ ޓީމަށް މި މެޗުގައި ނުކުޅެވުނު ކަމަށެވެ. އޭނާ ވަނީ އެ ކަމަށްޓަކައި ބާސާގެ ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ. މިއީ ފަހަކަށް އައިސް ބާސާގެ ފަރާތުން ފެނިގެންދިޔަ އެންމެ ދަށް ކުޅުން ކަމަށް އޭނާ ހާމަކުރިއެވެ.

comment ކޮމެންޓް